ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބާއްވާ ރެޑްބުލް ވިންގްސް ފޮރ ލައިފް ދުވުން ދިވެހިރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މިދުވުމަކީ މުޅި ދުނިޔޭގައި އެއް ވަގުތެއްގައި އެއް ފަހަރާއި ކުރިޔަށްދާނެ ދުވުމެކެވެ. މިހަރަކާތުގައި ދުވުމުގެ އިތުރުން ފުރޮޅެމުންވެސް، ހިނގާފަވެސް އަދި ފުރޮޅުލީ ގޮނޑީގައިވެސް ހަރަކާތްތެރިވެވޭނެ އެވެ.

ވިންގްސް ފޮރ ލައިފް ވޯރލްޑް ރަން އަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު ފަންޑް ރެއިސިންގ ހަރަކާތްވެސްމެއެވެ. އެގޮތުން މިހަރަކާތުން އެއްކުރާ ފައިސާގެ 100 އިންސައްތަ، މައިބަދަ ނުވަތަ ސްޕައިނަލް ކޯޑް އަށް ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމަށް ބޭނުންވާ ރިސާޗް ކުރުމަށް ޑޮނޭޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ދުވުންތެރިން ދުވާނީ އެކި ގޮތްގޮތުން މައިބަދަ ނުވަތަ ސްޕައިނަލް ކޯޑް އަށް އަނިޔާ ލިބި ނުދުވެވޭ މީހުންގެ ހައްގުގައި ކަަމަށް ހަރަކާތް ހިންގާ ފަރާތްތަކުން ބުނެއެވެ.

ވިންގްސް ފޮރ ލައިފް ވޯރލްޑް ރަން ރާއްޖޭގައި ފެށޭނީ މެއި މަހުގެ 5 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ. ވިންގްސް ފޯ ލައިފް ވޯލްޑް ރަންގައި ޓީމް މޯލްޑިވްސް އާއި ގުޅުމަށް އާންމުކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ހަރަކާތަކީ އެހެން ދުވުން ތަކާއި ތަފާތު ހަރަކާތެކެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތްވެސް މެއެވެ. އެގޮތުން 2023 ވަނަ އަހަރު 207،000 މީހުން މި ދުވުމުގައި ބައިވެރިވެގެންވަނީ ދުނިޔޭގެ ރެކޯޑެއްވެސް ހަދާފައެވެ.

މި ދުވުން ކުރިޔަށް ގެންދިޔުމަށް ވަކި ސަރަހައްދެއް ކަނޑައެޅިފައެއްވެސް ނުވެއެވެ. އެގޮތުން ދުވުމުގެ ބައިވެރިން ހުރި ކޮންމެ ސަރަހައްދަކުންވެސް ބައިވެރިވެެވޭނެއެވެ. މިހަރަކާތުގެ އެންމެ ތަފާތު އެއްކަމަކީ މިދުވުމުގެ ފިނިޝިންގް ލައިން، ވާޗުއަލް ފިނިޝިންގް ލައިން އެއްގެ ގޮތުގައި ކަނޑައަޅާފައިވުމެވެ. ވިންގްސް ފޮރ ލައިފް ވޯރލްޑް ރަން އެޕް މެދުވެރިކޮށް ރެޖިސްޓަރ ވުމުން ފިނިޝިންގް ލައިން އާއި ހަމައަށް ފޯރުކޮށްދޭން ފަހަތުން ދުވާނެ ވާޗުއަލް 'ކެޗަރ ކާ' އެއް ހަރަކާތްތެރިވާނެއެވެ. އަދި މި ކާރު ކޮންމެ ބައިވެރިއަކަށް 30 މިނެޓުގެ ހެޑް ސްޓާޓެއް ދޭނެއެވެ. ދުވުންތެރިންގެ ދުވުން ނިމޭނީ މި ވާޗުއަލް ކެޗަރ ކާރު ދުވުންތެރިން ފަހަނަ އަޅައި ދިއުމުންނެވެ.

މިދުވުމުގެ ގްލޯބަލް ޗެމްޕިއަންކަން ލިބެނީ ދުވުމުގެ ވަގުތު ނިމުމާއި ހަމައަށް ކެޗަރ ކާރަށް ކުރި ނޭރި ހުރި އަންހެން އަދި ފިރިހެން ދުވުންތެރިޔާ އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން