ކޯވިޑް-19އާ ގުޅިގެން އިޖްތިމާޢީ ކޮމިޓީއިން ޑޮކްޓަރުންނާ ބައްދަލުކުރުން (ފޮޓޯ: މަޖިލީސް އިދާރާ)
ކޯވިޑް-19އާ ގުޅިގެން އިޖްތިމާޢީ ކޮމިޓީއިން ޑޮކްޓަރުންނާ ބައްދަލުކުރުން (ފޮޓޯ: މަޖިލީސް އިދާރާ)
ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލް ވެފައިވާ ކަމަށާއި، ހެލްތު މިނިސްޓަރ އުޅުއްވަނީ ގަނޑުވަރު ހެއްދެވުމުގައި ކަމަށްބުނެ، ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބައެއް ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުށަހަޅައިފިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމާބެހޭގޮތުން ހުރި ކަންބޮޑުވުންތައް ދިވެހި ބައެއް ޑޮކްޓަރުން ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަނީ ހުށަހަޅުއްވައިފައެވެ. އެކަމާގުޅިގެން މިއަދު އިޖްތިމާއީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެ، ސިއްޙީ ދާއިރާ އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ދާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޑރ. ހުސެއިން މާހިރު އާއި ޑރ. އިޝްހާގު ޝަފީގު އާއި ހަދީޖާ އަބުދުއްސަމަދު އަބުދުﷲ ގެ އިތުރުން ހަފީޒާ އަލީ އާއި ޑރ. މުހައްމަދު ޝާފީ އަބްދުލް މުއީނު ވަނީ އެ ބޭފުޅުންގެ ކަންބޮޑުވުންތައް ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.

އެ ހުރިހާ ޑޮކްޓަރުންގެ ފަރާތުން ސިއްހީ ދާއިރާގެ މައްސަލަތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން، ހަފީޒާ އަލީ ވިދާޅުވީ 45 ވަރަކަށް އަހަރު ދުވަސް ވަންދެން ސިއްހީ ދާއިރާގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، ރާއްޖޭގެ އިނދަޖެހިފައިވާ ސިއްހީ ނިޒާމު ކޮޅަށް ޖެހުމަށް އަމިއްލަ އިސް ނެންގެވުމުގެމަތިން މަސައްކަތް ފެއްޓެވީ އެހެންވެގެން ކަމަށެވެ.

ޑޮކްޓަރުން ކޮމިޓީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ހެލްތް މިނިސްޓްރީގެ ލީޑާޝިޕްގައި ވަރަށް އިސް ދައުރެއް އަދާކުރަންޖެހޭ ގިނަ މަގާމްތަކެއް ހުސްކޮށް އޮތުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސަސްގެ މަގާމާއި ނެޝަނަލް ބްލަޑް ސާވިސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމް ހިމެނެއެވެ. އަދި ކޮމިޝަނާ އޮފް ކޮލިޓީ އެޝުއުރަންސް މަގާމް އުފައްދާފައި ނުވާކަމާއި ހިމަޓޮލޮޖިސްޓެއްގެ މަގާމުގައި ވެސް މީހަކު ނެތް މައްސަލަ ހިމެނެއެވެ.

"ޓެކްނިކަލް ހުރިހާ މަސައްކަތެއްގެ ޑިޒިޝަން ނެގުމާއި ލަފާ ދިނުމާއި މަޝްވަރާ ދިނުމާއި ހުރިހާ ކަމެއްކުރާ މަގާމަކީ ޑިރެކްޓާ ޖެނެރަލް. އެމަގާމުގައި ހުންނަވަން ޖެހޭނީ ވެސް ސްޕެޝަލައިޒްޑް ޑޮކްޓަރެއް، އެމަގާމަށް މީހަކު ނުވަނީ އެއީ ސިވިލްސާވިސް މަގާމަކަށް ވެފައި މުސާރަ ދަށްވެފައި މަސްއޫލިއްޔަތު ބޮޑުކަމުން." ހަފީޒާ ވިދާޅުވިއެވެ.

ހަފީޒާ ވިދާޅުވީ ހެލްތު މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަދާފައިވާ ޕޮލިސީތަކާއި ގައިޑްލައިން ފޮލޯނުކުރާ ކަމަށާއި އެގްޒެކެޓިވް ލެވެލްގެ ބައްދަލުވުންތައް ނުބޭއްވޭ ކަމާއި ސިޔާސީ ބޭފުޅުންނާ މިނިސްޓަރު މަހަކު އެއް ފަހަރު ވެސް ބައްދަލު ނުކުރައްވާކަމަށެވެ. އަދި މިނިސްޓްރީއަށް ތަކެތި ހޯދުމުގައި އެއްގޮތަކަށް ވެސް ދެފުށް ފެންނަ ސިޔާސަތެއް ނެތް ކަމަށާއި ޓެންޑާ ކުރުމާއި އިއުލާން ކުރުން ފަދަ ކަންކަން ކުރާ ތަން ނުފެންނަ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

"އެ މަސައްކަތްތައް ބަލާނެ މީހަކު ނެތުމުން މަސައްކަތުގެ ޒިންމާ ނުނެގުން، އެކައުންޓިބިލިޓީއެއް ނެތް، މަސައްކަތުގެ ފުރިހަމަ ޒިންމާ ނުނެގުން، ބައެއް މުވައްޒިފުންގެ ފޭވާއަށް ބައެއް ކަންކަން އެއްކޮށް ދޫކޮށްލާފަ އޮންނަނީ. އެގްޒެކެޓިވް ލެވެލެއެއްގެ ބައްދަލުވުންތަކެއް މިނިސްޓްރީއަކު ނުބޭއްވޭ. މިނިސްޓަރު ސިޔާސީ ބޭފުޅުންނާ ވެސް މަހަކު އެއްފަހަރު ކީއްކުރަން ދެމަހުން އެއްފަހަރު ވެސް ބައްދަލެއް ނުކުރައްވާ، މަޝްވަރާކޮށް ކުރިއަކަށް ނުގެންދަވާ." އޭނާ ވިދާޅުވިއެވެ.

ހަފީޒާ ވިދާޅުވީ ބަލިތަކަށް ފަރުވާ ކުރުމުގައި ޕްރެކްޓިސްކުރާ ނެޝަނަލް ގައިޑްލައިން އެއްގޮތަކަށްވެސް ފޮލޯ ނުކުރާ ކަމަށެވެ. އަދި ޑޮކްޓަރުންނަށް ތަމްރީން ދޭނެ އެއްވެސް މެކޭނިޒަމެއް ނެތް ކަމަށާއި ޑޮކްޓަރުންނަށް ވަޒީފާދީ ވަޒީފާއިން ވަކި ކުރުމުގައި ވެސް އޮންނަނީ ހިތަށް އެރި ގޮތަކަށް އަމަލު ކުރާ އުސޫލު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހައްދައިގެން އަހަރެއްވާއިރުވެސް ވެއިޓިންގ ލިސްޓްގައި މަޑުކުރަން ޖެހުމަކީ ރައްޔިތު މީހާއަށް އެއްވެސް އިންސާފު ވެރި ގޮތެއް ނޫންކަމަށާއި އެފަދަ ކޭސްތަކުގެ ޝަކުވާތައް ވެސް އަންނަ ކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ބައެއް ޑިޕާޓްމަންޓްތަކުގައި މުވައްޒަފުން ބޭނުންކުރާ ގޮނޑި މޭޒު ނެތިފައި ހުރި އިރު މިނިސްޓްރީގެ ބައެއް ތަންތަނުގައި ގަނޑުވަރު ހަދަމުންދާތަން ފެންނަ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

އިލްމާއި ހިލްމު

09-Aug-2020

ފޯއްމުލަކު މީހުންގެ ހުންނަކަމަކި ހެން ހީވަނީ.. ތިމާއިންތަން..ރައީސްގެ ފެންވަރަށް ހެދުން.. އަހަރުމެން އޮފީހުގަ އުޅޭ އެޑްމިނިސްޓަރވެސް އެތަނުގައި ހުރި ތަކެތި ކަމުނުދެއޭ ބުނެ އެންމެ ފުރަތަމަ ކުރި ކަމަކީ އޮފީހުގެ ވެރިޔާގެ ގޮނޑިކޮޅަށްވުރެން މޮޅު މޭޒާއި ގޮނޑި ހޯދީ.. މިހާރު ބޭނުންވަނީ އެންމެ ފަހުގެ ކޮންސޯ (2 ލައިން ނެގޭ ސްޕީކަރ) ފޯނެކޯލަ.. އަދި ބޭނުމޯ.. ކޮޓަރީގައި ވޯލްޕޭޕަރ ޖަހަންވެސް... ކީކޭތޯ ދަންނަވާނީ.. މީ ނިކަމެތި ރައްޔަތުން އަތުން ޓެކްސް ނަގައިގެން ކުރާކަންކަން..


5

ޢަލީ

09-Aug-2020

"ހެލްތް މިނިސްޓްރީގެ ލީޑާޝިޕްގައި ވަރަށް އިސް ދައުރެއް އަދާކުރަންޖެހޭ ގިނަ މަގާމްތަކެއް ހުސްކޮށް އޮތުން ފާހަގަކޮށްފައި ވެއެވެ." ކަންތައްތަކެއް ރަނގަޅު ކުރަން އުޅޭ ބަޔަކަށްވުރެ ބޮޑަށް ހީވަނިީ އެ މަޤާމުތައް ބޭނުންވެގެން އުޅޭ ބައެއްހެން.


-4

ކަލޯނެ

09-Aug-2020

މައްސަލަ ވަރަށްސާފު ހުސްވެފަ ތިހިރަ ހުރިހާ ބޮޑެތި މަގާމްތަކަށް ހިފާފަ ތިހުރީ ކަން އެހެންއޮތަސް ޖުމްލަކޮށް ދެއްކި ވާހަކަތައް ރަނގަޅު ހެލްތް މިނިސްޓްރީ އެއް މިގައުމަށް ބޭނުމެއްނުވޭ އެތަނުގައި އޮތީ މުޅިންވެސް ވައްކަންކުރުން ސިއްހީނިޒާމް ފުނޑި ފަނާވެއްޖެ


4

ހަސަން

09-Aug-2020

އަމީން ގެ ވެސް މަލީހު ގެވެސް މަގުސަދަކީ ރައީސް އިބޫ ގެ ސަރުކާރު ހަޑިކޮށްލުން


5

މޮހޮދޭ

09-Aug-2020

އަސްލު ވެސް އަމީން ފޭލިވެއްޖެ އިސްތިއުފާ ދޭން އެބަޖެހޭ އޭނާ އަކީއަބަދުވެސް އަބުއި ކަމަށް ފޯރިހުންނަ މީހެއް މިދަނޑިވަޅު ބޮޑުހަރަދު ތަކެއް ކުރިކަމީ ބޮޑުޖަރީމާ އެއް


1

ސިރާޖު

09-Aug-2020

ޞިއްޙީ ދާއިރާގެ އަސްލު މައްސަލަ ނޭގުނުކަމީ ހައިރާންވާންޖެހޭ ކަމެއްނޫނެވެ. ޞިއްޙީދާއިރާ ރަގަޅު ނުވެގެން މިއުޅެނީ މަގާމުތަކަށް މީހުން އައްޔަން ނުކުރެވިގެން ނޫނެވެ. ޞިއްޙީ ދާއިރާގެ ހުރިހާ އިދާރާތަކަށް މިދާއިރާއިން ތަޢުލީމާއ، ތަމްރީނާއި، ތަޖްރިބާނެތް ސިޔާސީ ވެރިން އައްޔަންކުރަން ފެށިހިސާބުން ޞިއްޙީދާއިރާއަދި ކުރިއަރައި ނުދެއެވެ. ޞިއްޙީދާއިރާ 2008 ގެ ކުރިންއޮތްގޮތް މިހާރަށްވުރެމާ ރަގަޅެވެ.



ޓްރެންޑިން