ވިލިމާލޭގައި 2011 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލި މައްސަލާގައި ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަޒީފު 17 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.

ޢުމުރުން 25 އަހަރުގެ މިރުޒާއަށް ލަކުޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:40 އެހާކަންހާއިރުއެވެ. ވިލިމާލޭ ޕާކް ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ލިބުނު އަނިޔާތަކާ ގުޅިގެން، މިރުޒާ މަރުވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގައި އޮއްވާ 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.

މި މައްސަލާގައި ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއު މެރުމަށް 2017 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލާގައި މީގެ ކުރިން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި މިރުޒާގެ ޢާއިލާއިން ނަޒީފަށް މާފު ދިނުމުން ސުޕްރީމް ކޯޓުންވަނީ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލް ކޮށްފައެވެ. އިސްލާމީ ޝަރީޢަތުގައި މަރަށްމަރު ހިފޭނީ މަރުވި މީހާގެ ހުރިހާ ވާރިސުން އެގޮތަށް އެދޭ ނަމަ އެވެ. އެންމެ ވާރިސަކު ނަމަވެސް އެކަމަށް ދެކޮޅު ހަދައިފިނަމަ މަރުގެ އަދަބެއް ނުދެވޭނެ އެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނަޒީފްގެ މައްޗަށް 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ނަމަވެސް، މި މައްސަލައިގައި ތުހުމަތުގައި ނަޒީފް ބަންދުކުރި ފަހުން 13 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ، އެ މުއްދަތު ހުކުމުން އުނިކުރުމުން މިހާރު އޭނާ ތަންފީޒުކުރަން ޖެހޭނީ ހަތަރު އަހަރާއި ފަސް މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ.

ނަޒީފްވަނީ މިރުޒާ މަރާލިކަމަށް އުފުލާފައިވާ ދަޢުވާއަށް އިންކާރުކޮށްފައެވެ. މީގެކުރިން ނަޒީފްގެ ފަރާތުން ބުނެފައިވަނީ އޭނާގެ މައްޗަށް ދަށުކޯޓުތަކުން އިއްވާފައިވާ ހުކުމް ބަލައިނުގަންނަ ކަމަށެވެ.

އެ މައްސަލައިގައި ދަޢުލަތުން ދަޢުވާ އުފުލި ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއުއަށް ހައިކޯޓު މަރުޙަލާގައި މިރުޒާގެ އާއިލާއިން ވަނީ މާފުކޮށްފައެވެ. އެހެންކަމުން ހައި ކޯޓުން ވަނީ ޝިފާއުގެ އަދަބަކަށް 17 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފައެވެ.

އެ މައްސަލާގައި ދެން ދައުވާލިބޭ ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. މި މައްސަލާގައި ދައުލަތުން ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ހެކި ނެތިގެން ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ 2012 ވަނަ އަހަރު ހުކުމް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން