ފާން ބާނަން ފޭބި މީހާ ނިޔާވި ސަރަޙައްދު
ފާން ބާނަން ފޭބި މީހާ ނިޔާވި ސަރަޙައްދު
އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި ނިޔާވި މައްސަލާގައި، ލޯންޗު ދުއްވަން އިން ކައްޕި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފުސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ހިނގި މިހާދިސާގައި ނިޔާވީ ފ. ފީއަލީ ‘ޓްވިންސް” ދޯނީގައި ފާނައިގެ މަސައްކަތްކުރަމުންދިޔަ ކައްދާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ.

ޙާދިސާ ހިނގި ވަގުތު އޭނާ މަސައްކަތް ކުރަމުން ދިޔަ ދޯނި އޮތީ ދަނގެތީ ކައިރީގައެވެ. ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުން އޭނާ ފާނަ ބާނަން މޫދަށް ފައިބާފައި ވަނީ ސަލާމަތީގޮތުން ޖަހަންޖެހޭ ދިދަ ޖަހައިގެންނެވެ.

އޭނަގެ ގައިމަތިން ލޯންޗް ދިއުމުން ކަނދުރާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވެއެވެ. އޭނާގެ ގައިމަތިން ގޮސްފައިވަނީ މާމިގިއްޔާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިޙާދިސާއާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ ހެނދުނު 07:55 ހާއިރު ކަމަށެވެ.

އަދި އެމީހާ ދަނގެތީ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ޙަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން