އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ
އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ
ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައިވާތީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ސައްމާހުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުށް ސާބިތުވެފައި ނުވާތީ އޭނާގެ މައްސަލަ ދަޢުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށް ދިނުމަށް އެދުމުން ހައިކޯޓުން ކުރިންވެސް ވަނީ އޭނާ ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމާފައެވެ.

ހައިކޯޓުން ސައްމާހު ބަންދުން ދޫކޮށްލި މައްސަލަ، ދައުލަތުން މީގެ ކުރިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސައްމާހުގެ ބަންދުގެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ހައިކޯޓަށް އަންގާފައިވެއެވެ.

އެހެންކަމުން ސައްމާހުގެ ބަންދުގެ މައްސަލާގައި ހައިކޯޓުން މިދިޔަމަހުގެ 29 ވަނަ ދުވަހު ކުރި ހުކުމުގައިވެސް ވަނީ، އެ ކޯޓުގައި ކުރިއަށްދާ އިސްތިއުނާފު ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުގެ އަގުލަބިއްޔަތުން ކަނޑައަޅާ ކަމަށެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވި، ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔުގައި ވަނީ ޝަރީއަތް ނިމެންދެން ސައްމާހު ބަންދުގައި ބެހެޓުމަށް އަމުރުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އޭނާ ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅީ، ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންގެ ރައުޔުންނެވެ.

އެހެންވެ، ހައިކޯޓުގެ އެނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ (ރިޔާސަތު) އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންނެވެ.

މޫސާ އަހްމަދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ އިބްރާހީމް ސައްމާހު އަހްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހު 22 ގައެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ފަސް މީހެއްގެ މައްޗަށެވެ. އެއީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީއާއި، އަލީ ހަސަންއާއި، މުހައްމަދު ރިޔާޒްއާއި، އަހުމަދު އީޖާދު މުހައްމަދު އަދި މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށެވެ.

އޭގެ ތެރެއިން ސައްމާހުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. ނާޝިޒްގެ މައްޗަށް ކުރީ މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއާއި، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. ބާކީ ތިބި ތިން މީހުންނަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މި މައްސަލާގައި ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އާއި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އީޖާދު މުހައްމަދުގެ މައްޗަށް މޫސަ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން