އެމްޓީސީސީގެ 2024 ވަނަ އަހަރުގެ ހާއްސަ އާންމު ޖަލްސާ ޖޫން 11 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 11 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

އެމްޓިސީސީގެ ޑިރެކްޓަރުންގެ ބޯޑުން މިއަހަރުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ފާސްކޮށްފައިވާއިރު މި ޖަލްސާގައި ބައިވެރިވެވޭނީ 2024 މޭ 23 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި ޖަލްސާގައި އެމްޓިސީސީގެ އަސާސީ އަދި ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

އޭގެއިތުރުން އެ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއާބެހޭ ގޮތުން މަޝްވަރާކޮށް ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމުގެ މަތިން 2024 ވަނައަހަރު ބާއްވާ ހާއްސަ އާންމު ޖަލްސާއަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށް އަލުން ހުށަހެޅުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓިސީސީން ބުނެފައިވަނީ ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން ޖޫން 9 ގެ 16:00 ގެ ކުރިން ރަޖިސްޓްރީ ކުރައްވަންވާނެ ކަމަށެވެ.

އަދި މި ޖަލްސާއަށް ރަޖިސްޓަރީ ކުރައްވާނެ ގޮތުގެ ވީޑިއޯ އާއި ޖަލްސާއާ ގުޅޭ ފޯމުތައް އެކުންފުނީގެ ވެބްސައިޓާއި މީސްމީޑިއާ މަންސަތަކުގައި ޝާއިއުކޮށްފައިވާނެކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން