ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ އަހުމަދަށް ފަރުވާ ދިނުމުގައި ސިއްޙީ އެހީތެރިން އިހުމާލުވެފައިވާތީ އެކަމުގެ ބަދަލު ހޯދުމަށް ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ބޭނުން ނުވާކަމަށް ދަޢުލަތުން ކޯޓުގައި ބުނެފިއެވެ.

ދަޢުލަތުން އެގޮތަށް ބުނެފައިވަނީ ސަދާ ނިޔާވީ ސިއްހީ ޚިދުމަތްތެރިންގެ އިހުމާލުން ކަމަށްބުނެ ސިވިލް ކޯޓަށް ސަދާގެ ޢާއިލާއިން ހުށައަޅާފައިވާ މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ކުރިޔަށްދިޔަ އަޑުއެހުމުގައެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލުން ވިދާޅުވީ ސަދާ ނިޔާވުމުގެ ގެއްލުމުގެ ބަދަލާމެދު ކޯޓުން ބޭރުގައި މަޝްވަރާކޮށްގެން ޙައްލުހޯދުމަށް ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވޭނީ ސަދާގެ މަރުގައި ދައުލަތުގެ އިހުމާލު އޮތް ކަމަށް ދައުލަތުން އެއްބަސްވާ ނަމަ ކަމަށް ވަކީލުން އެދުވަހު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން އެދުވަހު ވިދާޅުވީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ސަދާގެ މައިންބަފައިން ބޭނުންވާކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު އެގޮތަށް ބުނާތީ މަޝްވަރާ ކުރުމަށްފަހު ޖަވާބެއް ދިނުމަށް ދަޢުލަތުން ވަނީ ފުރުސަތަކަށް އެދިފައެވެ.

މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހުށައަޅާފައިވާ ދައުވާއަށް އިންކާރުކުރުމަށްފަހު ޝަރީއަތުން ބޭރުގައި ގޮތެއް ނިންމަން ދިން ފުރުސަތު ދޫކޮށްލައިފައެވެ. ދައުލަތުން އެދުނީ ޝަރީއަތުން މި މައްސަލައިގައި ގޮތެއް ކަނޑައަޅައިދިނުމަށެވެ.

އެހެންކަމުން ސިވިލް ކޯޓުން މިއަދު ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ރާއްޖޭގައި ސިއްޙީ ދާއިރާއާ ގުޅުންހުރި އިހުމާލުތައް އިތުރުވެފައިވާއިރު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ސަދާ ނިޔާވި މައްސަލަ ބެލުމަށް ފަހު، ސަދާ މަރުވުމުގައި ޑޮކްޓަރުންގެ އިހުމާލު ހިމެނޭ ކަމަށް ނިންމައި، މައްސަލާގައި ހިމެނޭ ދެ ޑޮކްޓަރުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ވަޒީފާއިން ވަކިކޮށް، އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

މި މައްސަލާގައި އެޗްއާރުސީއެމުން ކޮށްފައިވާ ތަހުގީގުގައިވެސް ނިންމާފައިވަނީ ސަދާގެ މަރުގައި ސިއްޙީ ޚިދުމަތްތެރިންގެ އިހުމާލު އޮތް ކަމަށެވެ.

ސަދާ ނިޔާވެފައިވަނީ އޮކްޓޯބަރު ތިން ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. ސަދާއަކީ ޖީސިކްސް ޕީޑީ ޑިފިޝިއަންސީ ކުއްޖެއް ކަމަށާއި އެހެންވުމުން ވަރަށް ގިނަ ބޭސްތަކަށް އެލާޖިކްވާނެކަން ޑޮކްޓަރަށް އެނގެންވާނެ ކަމަށް ސަދާގެ ޢާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން ތުހުމަތު ކުރަނީ ސަދާ ނިޔާވެފައިވަނީ ޑޮކްޓަރަށް ދެއްކުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން