މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީން ފައިދާގެ ގޮތުގައި ޙިއްސާއަކަށް 4 ރުފިޔާ ބަހަން ކުންފުނީގެ ޚާއްސަ ޢާއްމު ޖަލްސާއިން ފާސްކޮށްފިއެވެ.

އެމްޓީސީސީގެ ޙިއްޞާގެ ފައިދާގެ ގޮތުގައި ޖުމްލަ ތިރީސް ދެމިލިއަން އެއްލައްކަ ފަންސާސްހާސް ނުވަސަތޭކަ ނުވަދިހަ ހަ ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ.

އެމްޓީސީސީން ބުނީ މިއަހަރުގެ ޢާންމު ޖަލްސާ އޮންލައިން ޕްލެޓްފޯމް “ފަހިވޯޓު” މެދުވެރިކޮށް ރޭ ބާއްވާފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވެފައިވަނީ 5,540,192 ހިއްސާ ހިމެނޭ، 47 ހިއްސާދާރުން ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

އެ ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހާގޮތަށް ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.

އެމްޓީސީސީން ބުނީ، 2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބޭނީ 23 މެއި ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ޙިއްޞާދާރުންނަށް ކަމަށެވެ.

އެމްޓީސީސީން ބުނީ އެ ކުންފުންޏަކީ ކުންފުނިތަކުގެ ގާނޫނު ތަސްދީގުކުރި ފަހުން އެ ގާނޫނާ އެއްގޮތް ކުރުމަށްފަހު، ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓަޑް ކުންފުނި ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައެވެ.

2022 ވަނަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ފައިދާގެ ގޮތުގައި 229.15 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޝާން

22-Jun-2024

سبحان الله ހާދަހަވާ ބޮޑު ފައިދާއެއް!



ޓްރެންޑިން