ކާއްޓަކީ ދިވެހިންގެ ކެއުމުގައި އަބަދުވެސް ވަރަށް ރަހުމަތްތެރި އަދި އެހާމެ ގިނަ ބޭނުންތަކެއް ހިފޭ އެކައްޗެވެ. އެހާ ފަސޭހައިން ލިބޭ އަދި އެހާ ގިނަ ފައިދާތައް ހަށިގަނޑަށް ލިބިދޭ ކާއްޓަކީ ދޫކޮށްލާ ވަރުގެ ބާވަތެއް ނޫނެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކާށި ބޭނުން ކޮށްގެން ކޮންމެވެސް ކަމެއް ނުކުރާ ގެއެއް ރާއްޖޭގައި މަދުވާނެއެވެ.

މި ބަލާލަނީ ގަވައިދުން ކާށި ފެން ބޯނަމަ ހަށިގަނޑަށް ލިބޭނެ ފައިދާތަކަށެވެ.

- ކުޅިވަރު ކުޅޭ ފަރާތްތަކަށް މިއީ ގުދުރަތީގޮތުން ލިބޭ އެންމެ ރަނގަޅު ބުއިން



ޕްލާންޓް ފޯވާޑް ނިއުޓްރިޝަނިސްޓްގެ ފައުންޑަރ ހަނާ ވެން އާކް ވިދާޅުވާގޮތުގައި ކާށި ފެނަކީ ޕޮޓޭސިއަމް، ސޯޑިއަމް، މެގްނީޒިއަމް އަދި ކެލްސިއަމް ފަދަ އިލެކްޓްރޯލައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު ބައިތަކެއް އެކުލެވިގެންވާ ފެނެކެވެ. މި މާއްދާތަކަކީ މަސްތައް ކޮންޓްރެކްޓްވުމާއި، ނާރުތައް ހަމައަކަށް އެޅުވުމާއި، މުޅި ހަށިގަނޑުގައި ‘ފްލޫޑް ބެލެންސް’ ނުވަތަ ދިޔާތަކެތި އެއްވަރެއްގައި ހިފަހައްޓައި ބެލެހެއްޓުމަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ. ކާށި ފެނުގައި ގިނަ އަދަދަކަށް އިލެކްޓްރޯލައިޓް ހިމެނުމުގެ ސަބަބުން ހޮޑުލުން ނުވަތަ ބޭރަށްހިންގުން ފަދަ ކަންކަން ދިމާވުމުން ހަށިގަނޑަށް ހަކަތަ ގެނެސްދީ ވަރުޖައްސައިދެއެވެ.

- ލޭގެ ޕްރެޝަރު ދަށްކޮށްދޭ

ގިނަ އަދަދަކަށް ޕޮޓޭޝިއަމް އެކުލެވޭތީ ކާށިފެނަކީ ލޭގެ ޕްރެޝަރަށް ހެޔޮ އަސަރުތަކެއް ކުރާ އެއްޗެކެވެ. އެގޮތުން ކާށި ފެނުގައި ހުންނަ ޕޮޓޭޝިއަމްގެ ސަބަބުން ލޭހޮޅިތަކުގެ ފަށަލަ ލުއިކޮށްދީ، ހަށިގަނޑުގައިވާ ލޮނުގެ ބައިތަކާ ދެކޮޅަށް މަސައްކަތްކޮށް، ލޭހޮޅިތަކުގެ ޕްރެޝަރު އެންމެ ރަނގަޅު މިންވަރެއްގައި ދަމަހައްޓައިދެއެވެ. އަދި ހިތުގެ މަސައްކަތް އެއްވަރެއްގައި ހިފަހައްޓައި ދިނުމުގެ އިތުރުން މިއީ ކިޑްނީއަށްވެސް ވަރަށް ރަނގަޅު ބުއިމެއް ކަމަށް ވެން އާކް ވިދާޅުވެއެވެ.

- ކަށީގެ ދުޅަހެޔޮކަމަށް މިއީ ހަމަ އެއްވަނަ

ކަށިތަކުގެ ދުޅަހެޔޮކަމަށް އެންމެ ބޮޑު ރޯލެއް އަދާކުރާ މާއްދާތަކަކީ ކެލްސިއަމް އާއި ވިޓަމިން ޑީ އެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކަށީގެ ބާރާއި ޑެންސިޓީ ވަރުގަދަކުރުމުގައި ކާށިފެނުންވެސް ލިއްބައިދޭ ޕޮޓޭސިއަމް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި މި މާއްދާއަކީ ކަށިތައް ބަލިކަށިވުން ފަދަ ހާލަތެއް ކަމަށްވާ ‘އޮސްޓިއޯޕޮރޮސިސް’ އިން ރައްކާތެރިވުމުގައި ފައިދާހުރި އެއް ބާވަތެވެ.

- ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދޭ ބާވަތެއް

ކާށިފެނަކީ ގޮހޮރުގެ ސިއްހަތު ރަނގަޅު ކޮށްދޭ އެއް ބާވަތެވެ. މީގެ ފައިދާ އެންމެ ފުރިހަމަ އަށް ލިބެނީ ކާށި ފެނުގައި ހިމެނޭ ހައިޑްރޭޓިން ޕްރޮޕަޓީތަކުގެ ސަބަބުންނެވެ.

"ހަޖަމުކުރުމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް ހައިޑްރޭޝަން ވަރަށް މުހިންމު، ހާއްސަކޮށް ނިއުޓްރިއެންޓްސް ނެގުމަށާއި ބަނޑުހައިވުން ހުއްޓުވުމަށް،" ވެން އާކް ވިދާޅުވިއެވެ.

ކާށި ފެނުގައި އެންޓި-އިންފްލެމެޓަރީ އަދި އެންޓިމައިކްރޮބިއަލް ޕްރޮޕަޓީސް ހުންނަ ކަމަށް ވެއެވެ. އެއީ ގޮހޮރުގެ މައިކްރޯބަޔޮމް އަށް ފައިދާހުރި ޕްރޮޕަޓީތަކެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

- ކިޑްނީގައި ހިލަ އުފެދުން ދުރުކޮށްދޭ އެއްޗެއް

ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައިވެސް އާންމު ކަމަކަށް މިވަނީ ވެފައެވެ. ކިޑްނީގައި ހިލަ އުފެދުން މަދުރުކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކިޑްނީގައި ޖަމާވާ ކްރިސްޓަލައިޒްޑް މިނަރަލްސް އާއި ލޮނު ހަށިގަނޑުން އަވަހަށް ބޭރުކުރާނެ ގޮތް ހެދުމެވެ. ކާށި ފެނުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ކިޑްނީގައި ހިލަ އުފެދޭ މިންވަރު މަދުކޮށްދެއެވެ.

ކިޑްނީގައި ހިލަ އުފެދޭ އެންމެ އާންމު ވައްތަރުތަކުގެ ތެރޭގައި ކެލްސިއަމް އޮކްސެލެޓް، ޔޫރިކް އެސިޑް، ސްޓްރޫވައިޓް އަދި ސިސްޓިން ސްޓޯންސް ހިމެނެއެވެ. ވެން އާކް ފާހަގަކުރައްވާ ގޮތުގައި އޭނާ ކުރި ކުޑަ ދިރާސާއަކުން ދައްކާގޮތުގައި ކާށިފެނުން ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުމަށް އެހީތެރިވެ އެވެ.

ގަވާއިދުން ކާށިފެން ބޭނުންކުރުމަކީ އިލެކްޓްރޯލައިޓް އެއް މިންވަރެއްގައި ހިފަހައްޓައިދީ، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ކަށީގެ ސިއްހަތަށް އެހީތެރިވެދީ، ހަޖަމުކުރުމުގެ މަސައްކަތް ރަނގަޅުކޮށްދޭ ކަމެކެވެ. އަދި މިއީ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހައިން ލިބޭ އަތްފޯރާ ފަށުގައި ހުރި ބާވަތެކެވެ. އަދި ފިހާރަތަކުން ވިއްކަން ހުންނަ ކެމިކަލް ހިމެނޭ ބުއިންތަކާ ހިލާފަށް ކާށި ފެނަކީ 100 އިންސައްތަ ގުދުރަކީ މާއްދާތައް ހިމެނޭ ފައިދާތަކުން ފުރިގެންވާ ބުއިމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން