ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލުމުގައި ބައިވެރިވިކަމަށް ސާބިތުވެ 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ އަލީ ސިފާމްގެ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލު ކޮށްދިނުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި މިއަދު އެދިއްޖެއެވެ.

އުމުރުން 29 އަހަރުގެ ޒިޔަދަމް މަރާލާފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ.

ޒިޔަދަމް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން 24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް 29 ގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށްސާބިތުވާކަމަށް ކޯޓުން ކަނޑައެޅީ، މައްސަލަ ކޯޓުގައި ކުރިއަށްދާތާ 7 އަހަރަށްފަހުއެވެ.

މި މައްސަލާގައި ޤަސްދުމަރު ސާބިތުވެފައިވަނީ ހަމައެކަނި ޝަނޫންގެ މައްޗަށެވެ. ސިފާމްގެ މައްޗަށް ސާބިތުވެފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށެވެ.

ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އިސްތިއުނާފް އަޑުއެހުމުގައި ސިފާމްގެ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލު ކަމަށް ކަނޑައަޅައިދިނުމަށާއި އޭނާގެ މައްޗަށް އެކުށުގެ އަދަބު ކަނޑައަޅަންޖެހޭނީ ކުށުގެ އުންސުރުތައް ސާބިތުކޮށްފައިވާ ގާނޫނުލްއުގޫބާތުގެ 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގެ ތާވަލާ އެއްގޮތަށް ކަމަށް ކަނޑައަަޅައިދިނުމަށެވެ.

އެގޮތުން ސިފާމްގެ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ، ކުށުގެ އުންސުރުތައް ސާބިތުކޮށްދިނުމަށް ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގައި ބުނާ ރުކުންތައް ތަތުބީޤު ކުރުމަށްފަހު، ކުށުގެ އަދަބު ކަނޑައަޅާފައިވަނީ ބިރު ދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުން ކަމަށެވެ. އެހެންކަމުން އެއުސޫލަކީ ގާނޫނީ ގޮތުން އެއްވަގުތެއްގައި ހިނގޭނެކަމަށް ދައްކައިދީފައިވާ މަގެއް ކަމަށް ނުވާތީ، އެއީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްދުގައި ދަޢުލަތުގެ ވަކީލް ވިދާޅުވީ ސިފާމަށް އަދަބު ކަނޑައެޅުމުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ށ) ފަނޑިޔާރު ބައްލަވާފައިވަނީ ކުށްކުރުމުގައި ބައިވެރިވުން މާނަ ކުރުުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށާއި ފަނޑިޔާރު އެމަގު އިޚްތިޔާރު ކުރެއްވީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ އުސޫލުގެ ދަށުން ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، މައްސަލަ ދިރާސާކުރުމުގެ ތެރެއިން އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ އެ މައްސަލާގައި ގޮތެއް ކަނޑައެޅުން ކަމަށެވެ.

ޒިޔަދަމްގެ މަރާ ގުޅިގެން ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައި ވަނީ 2015 މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އަދި އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން