ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ބައެއް ހެކިތައް ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ނައީމާގެ މަރުގެ މައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ އެރަށަށް ނިސްބަތްވާ އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ) ގެ މައްޗަށެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދަޢުލަތުން އެދިފައިވަނީ މައްސަލައިގެ ބައެއް ހެކިތައް ސިއްރުކޮށް ދިނުމަށެވެ. އެގޮތުން ސިއްރު ހެކިންގެ މައުލޫމާތު އާންމުވެއްޖެނަމަ އެ މީހުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި ޙާދިސާ ހިނގި ތަނުގެ ފޮޓޯ އާއި ވީޑިއޯތައް ވެސް އާންމުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

އެހެންކަމުން ފޮޓޯތަކާއި ވީޑިއޯތައްވެސް ހަމައެކަނި ކޯޓުގައި ތިބެގެން ބެލޭގޮތަށް ސިއްރުކުރަން ދައުލަތުން އެދިފައިވެއެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ޤާޟީ އަލީ އާދަމް ނިންމެވީ، ދައުލަތުން އެދުނު ގޮތަށް ބައެއް ހެކިތައް އެއްކޮށް ސިއްރު ކުރުމަށާއި އަނެއް ބައި ހެކިތައް ކޯޓުގައި އެކަނި ބެލޭގޮތަށް ވަކި މިންވަރަކަށް ސިއްރު ކުރުމަށެވެ.

ދައުވާއަށް ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ދަޢުވާލިބޭ ތިން މީހުންގެ ވަކީލުންވެސް އެދިފައިވަނީ މައްސަލައިގެ ލިޔުންތައް ދިރާސާ ކުރުމަށް، އިތުރު ވަގުތު ދިނުމަށެވެ. އެހެންކަމުން ކޯޓުން ވަނީ އެފުރުސަތު ދީފައެވެ.

ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން