ކ. މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލަށް ޖަލުގައި ކަންކުރި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފުށީ ޖަލުގައި ހުއްޓާ ޖަމީލު ނިޔާވި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމައްސަލައަކީ ނުހަނު ބޮޑު ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

"ޖަލުގައި މަރުވި ގައިދީ ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލުގެ މައްސަލަ އަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް އެކަން ވީގޮތް ފުރިހަމަ އަށް ތަހުގީގު ކުރަންޖެހޭ،" ރާއްޖޭގައި ތިން އަހަރު ވެރިކަން ކުރެއްވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ކަރެކްޝަނުން ބުނީ ޖަމީލް މަރުވެފައިވާކަން އެނގުނީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންދިޔަ ފަހުން ކަމަށެވެ. އެގޮތުން މެންދުރު 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމަށާއި އޭނާގެ ހިތް ހުއްޓިގެން މަރުވެފައި ވާކަމަށް 12:45 ހާއިރު މަރުކަޒުން ކަނޑައެޅި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. ފަހުން ޖަލުގައި ހުރި ސީސީޓީވީ ފުޓޭޖު ބެލިބެލުމުން ޖަމީލު މަރުވެފައިވަނީ ނަމާދަށް ސަޖިދައިގައި އޮއްވާ ކަން ވަނީ ހާމަވެފައެވެ. ކަރެކްޝަނާއި ފުލުހުންނާއި ހޯމް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވީޑިއޯ ފުޓޭޖް ވަނީ އާންމުކޮށްފައެވެ.

ޖަމީލް މަރުވި ފަހުން އޭނާގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، ބަޔަކު ވަނީ އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކުން އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އެމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މުޙައްމަދު ޖަމީލުގެ ހަށިގަނޑުން ނިޝާންތަކެއް ފެނުނު ނަމަވެސް، އެއީ މީހަކު ކުރި ގޯނާއެއްގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށް މިހާތަނަށް ކުރި ތަހުގީގުން ނުބެލެވޭ ކަމަށެވެ.

ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީއެ ނިޝާންތަކަކީ މަރުވުމަށް ފަހު އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އޭނާ ގިނައިރު ވަންދެން ސަޖިދައިގައި އޮތުމުން ފެންނަން ހުރި ނިޝާންތައް ކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ.

ޖަމީލަށް ޖަލުގައި އަނިޔާކުރި ކަމަށް ތުހުމަތުކުރަމުންދާތީ އޭނާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ މަސައްކަތްކޮށްފައެެވެ. އެހެން ނަމަވެސް އާއިލާ އިން ހުއްދަ ނުދިނުމުން ރޭ ފަތިސް ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން