ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ހިތި ބޭސް މިވަގުތު ހަމަ ބޯން ޖެހޭނެ ކަމަށް ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓްރެވަލް އޭޖެންސީ ހިންގާ އިނަ މޯލްޑިވްސްގެ ފައުންޑާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

ފިރާގު ފޭސްބުކްގައި ވިދާޅުވީ ޒަމާނުއްސުރެ ވާރުތަވެފައިވާ މައްސަލަތައް ހައްލުކުރަން ސަރުކާރަކުން މަސައްކަތް ކުރާއިރު، އެފަދަ އަމަލުތަކުގައި ގިނަ ފަހަރަށް އުނދަގޫ ނިންމުންތަކާއި ގުރުބާނީތައް ހިމެނޭތީ، އެއީ މަގުބޫލު ކަމެއް ނޫން ކަމަށް ވެދާނެ ކަމަށެވެ.

ނަމަވެސް ހަރުދަނާ ޒިންމާދާރު ސަރުކާރަކުން ދިގުމުއްދަތުގެ ފައިދާތަކަށް ސަމާލުކަން ދޭން ޖެހޭއިރު، މިއަދު އަޅާ ބިންގާތަކަކީ ކުރިއަށް އޮތް ތަނުގައި ކުރިއެރުމަށް އެހީތެރިވެދޭނެ ބިންގަލެއްކަން ކަށަވަރުކުރަން ޖެހޭނެ ކަަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

"މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުން، މި ސަރުކާރަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނަސް މިއަށްވުރެ ހަމަޖެހޭ އަދި ތަނަވަސް މާހައުލެއް އުފެދި، ދެން އޮންނަ ވެރިކަމަށް ވަރުގަދަ، ބިންގަލެއްގެ މައްޗަށް ބިނާކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ފައިދާހުރި ވެރިކަމެއްގެ މާނައަކީ ވަގުތީ ފައިދާތަކަށް ވުރެ ވިސްނުމާއި، އަންނަން އޮތް ޖީލުތަކުގެ ހެޔޮ ދުޅަހެޔޮކަމަށް އިސްކަންދިނުމެވެ. ހަމަޔަޤީނުން ގިނަ މީހުންނަށް އަދުގެ ހާލު އެނގޭނެ އެވެ." ފިރާގު ވިދާޅުވި އެވެ.

ފިރާގު އިތުރަށް ވިދާޅުވީ މިހާރު ކުރަން ޖެހޭ ކަންކަމުގެ ތެރެއިން މުހިންމު އެއް ކަމަކީ ސަރުކާރުގެ ހަރަދު ކުޑަކުރުމާއިއެކު އުފެއްދުން ތެރިކަން އިތުރު ކުރުން ކަމަށެވެ.

"ހިތިބޭސް މިވަގުތު ހަމަ ބޯން ޖެހޭނެ. އަދި މިކަން ކުރުން މީ އިޚުތިޔާރީ ކަމެއް ނޫން މަޖުބޫރުކަމެއް މިވަގުތަށް."ފިރާގު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ ދަރަނި ދެއްކުމަށް ދަތިވެފައިވާތީ ޓެކްސްތައް މުރާޖަޢާ ކުރަން ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން