މަރްޔަމް ނަހްދާ ވަޙީދު   2 ޖުލައި 2024 - 7:41
މޫނުގެ ހަންގަނޑު ރީތި މީހެއް
މޫނުގެ ހަންގަނޑު ރީތި މީހެއް
މޫނުގެ ހަންގަނޑަކީ ކޮންމެ މީހަކުވެސް ވަރަށް ލޯބިވާ އަދި އެހާމެ ރީތިކޮށް ގެންގުޅެން ބޭނުންވާ ތަނެކެވެ. ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށް މީހުން އެކިކަހަލަ އަގު ބޮޑެތި އެއްޗެހި ބޭނުން ކުރެއެވެ. ނަމަވެސް ހަންގަނޑު ރީތިކުރުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގޮހޮރުގެ ސަިއްހަތު ރަނގަޅު ކުރުމެވެ.

ގޮހޮރުގެ މައްސަލަތައް ހައްލުުކުރުމަކީ ހަންގަނޑު ރީތިކުރުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅެވެ. ގޮހޮރުގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ސިއްހަތައް ފައިދާހުރި ކާނާ ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފަޅޯ ކެއުމުން މީހާގެ މޫނުގެ ހަންގަޑު އޮމާންވެ ތާޒާވެގެން ދެއެވެ. ފަޅޮލުގައި ހިމެނޭ އެންޒައިމް ޕަޕައިންއަކީ ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމެކެވެ. މީގެ ސަބަބުން ފަޅޯ ކާނަމަ ހަޖަމުކުރުމުގެ ނިޒާމް ރަނގަޅުވެގެން ދެއެވެ. މީގެ އިތުރުން ގިނަގިނައިން ފަޅޯ ކެއުމުން ހަށިގަނޑުގައި ކޮލާޖެން އުފެއްދުންވެސް އިތުރުވެގެންދެއެވެ.

ހިމާލިޔަން ސޯލްޓަކީވެސް ގޮހޮރަށް ވަރަށް ފައިދާހުރި އެއްޗަކެވެ. ހިމާލިޔަން ސޯލްޓު ބޭނުން ކުރުމުގެ ސަބަބުން ކާއެއްޗެހި ހަޖަމު ކުރަން ފަސޭހަވެ ގޮހޮރުގައި ހުންނަ ބޭކާރު ވިހަ މާއްދާތައް ނައްތާލަދެއެވެ. އަދި މީގެ ސަބަބުން ހަންގަނޑު މަޑުވެ ސާފުވެ، ބަލާލަން ރީތިވެގެން ދެއެވެ.

ހަނާކުރި ދިރިކެއުމުންވެސް މީހާގެ ހަންގަނޑު ރީތިވެއެވެ. ދިރިއަކީވެސް ހަޖަމުކުރުމަށް އެހީވެދޭ އެއްޗެކެވެ، އަދި ދިރިއަކީ އަޅުގަނޑުމެން ކައިބޮއި އުޅޭ ތަކެތީގައި ހުންނަ ފައިދާ ހުރި ބައިތައްވެސް ލޭގެ ތެރެއަށް ދަމައިގަންނަން އެހީތެރިވެދޭ އެއްޗެކެވެ. ގަވާއިދުން ހަނާކުރި ދިރި ބޭނުންކުރާނަމަ މޫނުމަތި ދުޅަވުން ހުއްޓުވައިދެއެވެ. އަދި މޫނުގެ ހަންގަނޑު އުޖާލާ ކޮށްދެއެވެ.

އަސޭމިރުސް ބޭނުންކުރުމުންވެސް މޫނުގެ ހަންގަނޑު ރީތިވެއެވެ. އަސޭމިރުހަކީ ބަނޑުގައި ހުންނަ ވައި ބޭރުކޮށްދީ، ކާއެއްޗެހި ހަޖަމުކުރުމަށް އެހީވެދޭ އެއްޗެކެވެ. އަދި މީގެ އިތުރުން އަސޭމިރުހަކީ ހަންގަނޑު ސާފު ކޮށްދޭ އެއްޗެއްވެސްމެއެވެ. އަސޭމިރުސް ބޭނުން ކުރުމުގެ ސަބަބުން މޫނުގެ ކުލަ އަލިވެ މީހާ ރީތިވެއެވެ.

ލުނބޮޔަކީ ޒަމާނުއްސުރެ ހަންގަނޑު ރީތިކުރުމަށް މީހުން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ލުނބޮޔަކީ އޭގައި އެންޓި އޮކްސިޑެންޓްތައް ވަރަށް ގިނަ އެއްޗެކެވެ. އެހެންކަމުން ލުނބޯ ބޭނުން ކުރުމުން ގޮހޮރު ދުޅަވުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން ލުނބޮޔަކީ ލޭގެ ޕީއެޗް ލެވެލް އެއް ހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. ލުނބޯ ބޭނުން ކުރުމުން މޫނުގައި ބިހި ނެގުން މަދުކޮށްދީ މޫނުގެ ހަންގަނޑު ރީތިކޮށްދެއެވެ.

ތިމާގެ ހަންގަނޑު ރީރިކޮށް ތާޒާކޮށް ބެހެއްޓުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. މިކަން އޭގެ އެންމެ ރަނގަޅު ގޮތުގައި ފުރިހަމަވާނީ ސިއްހަތައް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކޮށްގެންނެވެ. ވީމާ ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނެރަލް އެކުލެވިގެންވާ ކާނާގެ ބާވަތްތައް ކެއުމަށް އަޅުގަމޑުމެން އެންމެންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން