ހުޅުމާލެއާއި މާލެ ޑިޖިޓަލީ ގުޅުވާލަދޭ މުޅިން އާ ހައި ކެޕޭސިޓީ ފައިބަރ އޮޕްޓިކް ނެޓްވޯކް އެޗްޑީސީން ގާއިމްކޮށްފި އެވެ.

މީގެ ކުރިން ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އެ ނެޓްވޯކު ގާއިމްކޮށްފައިވީ ނަމަވެސް، މިއީ އެޗްޑީސީން މާލެއާއި ހުޅުމާލެއާ ދެމެދު މި ހިދުމަތް ގުޅާލާ ފުރަތަމަ ފަހަރު ކަމަށް އެޗްޑީސީން ބުނެއެވެ.

އަލަށް ގުޅާލި މި ނެޓްވޯކުގެ ތެރެއިން އެޗްޑީސީގެ ލީސް ލައިން އާއި ޑާކް ފައިބަރގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވިޔަފާރިތަކަށް މިހާރު ހުޅުވާލައިފައިވާ ކަމަށާއި މިއީ ވިޔަފާރިތަކަށް އެކަށީގެންވާ ކުޑަ އަގެއްގައި ދޫކުރާ ހިދުމަތްތަކެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

"ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަކީ އެޗްޑީސީގެ އަމާޒެކެވެ. އެހެންކަމުން، މި ނެޓްވޯކް މާލެއާއި ހުޅުމާލެއާއި ދެމެދު ގުޅުވާލެވުމާއެކު، ވިޔަފާރިތައް ބާރުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ. އަދި މި ނެޓްވޯކް ގާއިމްވުމާއެކު، ޑާކް ފައިބަރ ކަނެކްޓިވިޓީ ހިދުމަތަށް ފުރަތަމަ ސޮއިކުރި ކަސްޓަމަރަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މި އެއްބަސްވުމުގައި އެމްއައިބީއާއެކު ސޮއިކުރީ ޖޫން މަހުގެ ހަތަރުވަނަ ދުވަހު އެވެ." އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ހިދުމަތަށް އެދޭ ވިޔަފާރިތަކަށް އެންމެ އަވަސް ސްޕީޑުގައި ކަނެކްޝަން ގުޅައިދޭނެ ކަމަށާއި އެއާއެކު ކަސްޓަމަރުންނަށް ދިމާވެދާނެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްޓަކައި 24 ގަޑިއިރުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އެޗްޑީސީން ބުނީ މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ތެރެއިން، ކޮންމެ ކަސްޓަމަރަކަށްވެސް އެއް މަސް ދުވަހުގެ ފްރީ ޓްރަޔަލް ޕީރިއަޑެއް ލިބިގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން