ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 9.2 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުކުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ހާމަވިގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،015،529 ފަތުރުވެރިން އައިސްފައިވެއެވެ. މި އަދަދަކީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 1،015،529 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 9.2 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 929،607 ފަތުރުވެރިންނެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 120،726 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އިންނެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް 105،068 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ އިނގިރޭސިވިލާތެވެ. އެގައުމުން 93،291 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައިވެއެވެ.

މިދިޔަ މަހު އެކަނި ވެސް ރާއްޖެ އަށް 120،262 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،580 ފަތުރުވެރިން އާދެއެވެ.

ފަތުރުކުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 175 ރިސޯޓެއް އޮޕަރޭޝަނަށް ވަނީ ގެނެސްފައެވެ. މީގެ އިތުރުން 14 ހޮޓަލެއް އޮޕަރޭޓް ކުރަމުންދާއިރު 864 ގެސްޓްހައުސްއާއި 150 ސަފާރީއެއް އޮޕަރޭޓް ކުރަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން