ށ. ބިލެއްފަހި އަދި ނ. ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެގޮތުން ކޮންޓްރެކްޓް އުސޫލުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 86 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް ސައިޓަށް ގެންދެވިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.



ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 10,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3825 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 9,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 3500 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1549 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 40.73 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މީގެއިތުރުން ކޮންޓްރެކްޓް އުސޫލުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ނ. ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަަސައްކަތްތަކުގެ 44 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.



ނ. ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2,205 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 366 މީޓަރުގެ އެއްގަމުތޮށި ލުމާއި، 321 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,720 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ 64.87 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން