ފަލަސްޠީންގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ޖުމްލަ 19،186،851.5 ރުފިޔާ ލިބިފައިވާކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ފަލަސްޠީންގެ ރައްޔިތުންނަށް އެހީވުމަށް ބޭއްވި ޓެލެތޯން ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ 12 ވަަނަ ދުވަހުގެ ހެނދުނު 8 އިން ފެށިގެން ޖޫން މަހުގެ 13 ވަަނަ ދުވަހުގެ ހަވީރު 6 ޖަހަންދެނެވެ.

މި ޓެލެތޯން ކުރިއަށްދިޔަ ވަގުތު، ސަރުކާރުގެ އެކި ވުޒާރާ ތަކާއި، ސްކޫލްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވަނީ ޓެލެތޯންގައި ބައިވެރިވެ ފައިސާ ހަދިޔާ ކޮށްފައެވެ.

"ފަލަސްޠީނާއެކު ދިވެހީން" ގެ ނަމުގައި ކުރިއަށްދިޔަ ޓެލަތޯނަށް ޖުމުލަ 19،186،851.5 ރުފިޔާ ވަނީ ލިބިފައެވެ. އެއީ 18،418،922.24 ދިވެހި ރުފިޔާއާއި 49،800 ޑޮލަރު ކަމަށް ޕީއެސްއެމުން މިއަދު ހާމަކޮށްފައިވެއެވެ.

މިޓެލެތޯނުން ލިބުނު 19،186،851.5 ރުފިޔާ ފަލަސްޠީންގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކާ މިއަދު ވަނީ ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފައެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ.

ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތުމަށްފަހު އެފައިސާ ފަލަސްތީނަށް އެހީވާ އދ. އެހީދޭ މަރުކަޒު، ކަމަށްވާ ޔުނައިޓެޑް ނެޝަނަލް އެޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އަށް ހަވާލުކުރުމަށްފަހު އެކަން ޕީއެސްއެމްއަށާއި މިމަސައްކަތް ކުރި އޮޑިޓަރުންނާއި ހިއްސާކުރާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން