މަސްވެރިންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތަށް ފިޝަރީޒް މިނިސްޓްރީން ހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ ރައީސްގެ ވައުދުފުޅެއް ކަަމަށް މީގެ ކުރިން މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެފައިވެއެވެ.

އެގޮތުން މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން މަސްވެރިންގެ ފުރިހަމަ ޤައުމީ ދަފްތަރެއް އެކުލަވައިލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި މިމަސައްކަތް އަވަސް ކުރުމުގެ ގޮތުން ވުޒާރާގެ ޓީމުތައް މި ހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.

މަސްވެރިންގެ ދަފްތަރު އެކުލަވާލެވުމާއެކު ބޭންކުތަކުގެ ފެސިލިޓީތައް ލިބުމުގައި މަސްވެރިންނަށް ހުރި ދަތިތައް ހައްލުވެ ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބޭ ލުއިފަސޭހަތައް މަސްވެރިންނަށް ނުލިބޭ މައްސަލައަށް ހައްލު ލިބިގެން ދާނެކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު މީގެކުރިން ފާހަގަ ކުރައްވާފައިވެއެވެ.

ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ މަސައްކަތް ހަމައެކަނި މަސްވެރިންނަށް ދޫކޮށް ނުލާ، ކައުންސިލްތަކާ ގުޅިގެން އެ މަސައްކަތް ކޮށް ނިންމާލުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުން ދާކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

މަސްވެރިންގެ ދަފްތަރު އިފްތިތާހު ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ށ. ކޮމަންޑޫގައި ބޭއްވި ހަފްލާއެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން