ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ގުޅުވައި ޕެންޑްރައިވްއެއްގެ ވާހަކަ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވިޔަސް އެ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު މިހެން ވިދާޅުވެފައިވަނީ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި، އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމް ހައްޔަރުކޮށްފައިވަނީ އޭނާ އަތުގައި ރައީސް ޑރ. މުޢިއްޒުއާއި ގުޅޭ ހެކިތަކެއް ހުރެގެންކަމަށް ތުހުމަތު ކުރައްވާ ޔާމީން ވާހަކަ ދައްކަވާފައިވާތީ އެކަމަށް ރައްދުދެއްވައެވެ.

ރޭ ޔާމީން ވިދާޅުވީ، ޝަމްނާޒު ހައްޔަރުކޮށްފައިވަނީ އޭނާގެ އަތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ކައުންސިލުން ހިންގި ކޮރަޕްޝަނުގެ އަމަލުތަކެއްގެ މައުލޫމާތު ހުރި ޕެންޑްރައިވެއް އޮވެދާނެތީ ކަމަށާއި އެހެންވެ އޭނާގެ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީކަމަށެވެ.

އެ ވާހަކަތަކާއި ގުޅިގެން ސުޖާއު އެކްސްގައި ވިދާޅުވީ ޕެންޑްރައިވްއެއްގެ ވާހަކަ ރައީސް ޔާމީން ދެއްކެވީމަ އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެކަމަށެވެ. އަދި 2015 ވަނަ އަހަރު މުޅި މާލެ އެކޮޅުކޮޅުން ޖަހާ ހޯދާބެލީ އަދީބު ހޯދަންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން ރަމީޒަކީ ދެ މުނާފިގުންކަމަށް ބުނި މީހަކު މިއަދު އެ ދެމީހުންނަށް އެހާ އޯގާތެރިވަނީ ހަމަ ލޯބިންތޯއޭ ވެސް ސުޖާއު ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަދީބު ހިންގި އަމަލުތަކަކާއި ގުޅިގެން އޭގެ ހެކި ޕެންޑްރައިވްއެއްގައި ހުރެގެންކަމަށްބުނެ ގިނަ ބަޔަކު ހައްޔަރުކޮށް ވާނުވާގައި ޖަލުގައި ބޭތިއްބިއެވެ. އަދި ޕެންޑްރައިވުން ހެކި ހޯދައިގެން ބައެއް މީހުންގެ މައްޗަށް ޝަރީއަތްކޮށް ބޮޑެތި ހުކުންތައް ޖަހާފައި ވެސް ވެއެވެ. ސުޖާއުގެ ވާހަކައިގައި އިޝާރާތް ކުރައްވާފައި އެވަނީ އެ ޕެންޑްރައިވް ތަކުގެ މައްސަލައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން