ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދަރަންޏާ ބެހޭ ބިލުގެ ސަބަބުން ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އެނގޭނެ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދަރަންޏާއި ބެހޭ ބިލާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ފުނަދޫ ދައިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ ދަރަންޏާ ބެހޭ ބިލުގެ ސަބަބުން ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތަކާއި، އެއިން ހާސިލްވާ ކަންކަން ރައްޔިތުންނަށް ސާފުވެގެންދާނެ ކަމަށެވެ.

އެގޮތުން ދަރަންޏާއި ބެހޭ ބިލު ޤާނޫނަކަށްވުމުން ކޮންމެ ތިން މަހުން އެއް މަހު އަދި އަހަރަކު އެއްފަހަރު ދަރަނީގެ ތަފާސް ހިސާބު އާންމު ކުރާނެ ކަމަށް މަމްދޫޙް ވިދާޅުވިއެވެ. މަމްދޫޙް ވިދާޅުވީ ރައްޔިތުންގެ ނަމުގައި ލޯނެއް ނަގާނަމަ އެ ލޯނެއް ނަގަނީ ކޮންކަމަކަށްތޯ ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެެ. އަދި އެ ލޯނު ނަގައިގެން ސަރުކާރުން ހާސިލްކުރަން އުޅޭ މަޤުސަދު ހާސިލްވާނެތޯ ވެސް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް މަމްދޫޙް ވިދާޅުވިއެވެ.

"ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތައް ބޭނުންކުރެވިގެންދާނެ ގޮތާއި ލޯނުތައް ނެގެނީ ރަނގަޅު އިންޓްރެސްޓް ތަކުގައި ކަމާއި އަދި މި ލޯނުތަކަކީ މިއަދު މި އުފެދިފައި އޮތް ހާލަތް ނުއުފައްދާ ކުރިއަށް ދެވޭނެ، މިއަދު މިކުރާ މަސައްކަތްތަކުން ކުރިއަށް އޮތްތާގައި އުނދަގުލެއް ނެތި ދެއްކޭނެ ލޯނުތަކެއް ކަން މި ޤާނޫނުގެ ތެރެއިން ޔަގީންކޮށްދޭނެ ދިވެހި ރައްޔިތުންނަށް،" މަމްދޫޙް ވިދާޅުވިއެވެ.

ދައުލަތުގެ ދަރަންޏާއި ބެހޭ ބިލް ދިރާސާކުރުމަށް މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. މި ބިލަކީ ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމާއި ދައުލަތުގެ ދަރަންޏާ ބެހޭ މަޢުލޫމާތު ހާމަކުރުމަށް ގޮވާލާ ސަރުކާރުން ހުށައެޅި ބިލެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން