ރާއްޖޭން މެނިންގޮކޯކަލް ބަލި ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން ނިންމާލިއިރު އެބައްޔަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

މެނިންގޮކޯކަލްގެ ބަލިމީހެއް ރާއްޖޭން ފެނުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.

އެޗް.ޕީ.އޭ. އިން މީގެ ކުރިން ބުނެފައިވަނީ އިންވޭސިވް މެނިންގޯކޮކަލްގެ ބަލި މީހަކު ރާއްޖޭން ފެނުމާ ގުޅިގެން އެމީހާއާ ގާތުން އެއްތާވި 46 މީހުން ފާހަގަވެފައިވާ ކަމަށެވެ. އަދި އެމީހުން ޓެސްޓްކޮށް ނިންމާލިއިރު އެބައްޔަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ.

މެނިންގޯކޮކަލް ބަލި ރާއްޖެއިން ފެނި މި ބަލީގައި މީހަކު މަރުވެފައިވާއިރު ބައްޔާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެގޮތުން ބަލިޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

އެޗް.ޕީ.އޭ. އިން ބުނީ މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށެވެ.

މެނިންޖައިޓިސް ވެކްސިން ޖެހުމުން މިބަލިން ރައްކާތެރިކޮށްދޭ ކަމަށް އެޗް.ޕީ.އޭ. އިން ބުނެއެވެ. މެނިންޖައިޓިސް ވެކްސިނުން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގައެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން