ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އިންޖީނު ގެތައް ހިންގާނެގޮތް ބުނެދޭން އެ ކުންފުނިން 351 ސަފުހާގެ ފޮތެއް ނެރެފިއެވެ.

"ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް" ގެ ނަމުގައި އެ ކުންފުނިން ނެރުނު މި ފޮތަކީ ކުންފުނީގެ ހުރިހާ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ ފޮތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި ސްޓެލްކޯއިން މި ފޮތް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އެ ފޮތުގައި ކުންފުނީގެ ޚިދުމަތުގެ ތާރީޙާއި، ތަސައްވުރާއި، އަމާޒުގެ އިތުރުން، އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުން ވެސް ކުންފުންޏާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.

30 ޖޫން އިން 5 ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ބޭއްވި މަހާސިންތާގައި އެ ކުންފުނީގެ އެމްޑީ ވަނީ ކުންފުނީގެ 33 ސްޓޭޝަން މެނޭޖަރުންނާއި ބައްދަލުކުރަށްވައި އެ ސްޓޭޝަންތަކުގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އެ މަހާސިންތާގައި ބައިވެރިވި ހުރިހާ ސްޓޭޝަން މެނޭޖަރުން އެ މަހާސިންތާއިން ލިބުނު މައުލޫމާތުގެ ބޭނުން ހިފައި، ދަސްވި ކަންތައްތައް ބޭނުންކޮށްގެން ސްޓެލްކޯއަކީ ރާއްޖޭގެ އެއްވަނަ ކުންފުންޏަށް ހަދައިދިނުމަށް ފަހުމީ ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަހުމީ ވަނީ އަބަދު ވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި، އެމުވައްޒަފުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށްވުރެ ކުރިއަރައިދާނެ ކަމަށް ވިދާޅުވެފައެވެ.

ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު ބޭނުންކުރާ އިންޖީނުތައް ބަދަލުކޮށް ޒަމާނީ ފެންވަރަށް އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ފަހުމީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެ އިންޖީނުތައް ބޭނުންކުރާނެ ގޮތް ފޮތުގެ ޒަރީއާއިން އެނގިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން