އިރާންގެ އާ ރައީސަކަށް މައްސޫދު ޕެޒޭޝިއަން އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ކަމަށް ޑރ. ޕެޒެޝްކިއަން އިންތިހާބުވެވަޑައިގަތީ އީރާނުގެ އިންތިހާބުގައި ވޯޓުލާފައިވާ 30 މިލިއަން މީހުންގެ ތެރެއިން 53.3 އިންސައްތަ ވޯޓު ހޯއްދަވައިގެންނެެވެ. ޑރ. ޕެޒެޝްކިއަން އީރާނުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ އިންތިހާބުގެ ދެވަނަ ބުރުގައި އީރާނުގެ ހަރުކަށި ކޮންޒަވޭޓިވް ވާދަވެރިޔާ ސައީދު ޖަލީލީ ބަލިކުރެއްވުމަށްފަހުއެވެ.

އީރާނުގެ އާ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ޕެޒޭޝިއަންގެ ޒައާމަތުގައި ރާއްޖެ އާއި އިރާންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިރާނާއި މުޅި ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ޕެޒޭޝިއަން ކުރައްވާ މަސައްކަތްތަކަށް ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



އީރާނުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ މަސްއޫދު ޔަޒްޝިކާން އަކީ ހުޅަނގުގެ ގައުމުތަކާއެކު ގުޅުން ގާއިމުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ބޭފުޅެކެެވެ. އިސްލާހަށް މަސައްކަތްކުރެއްވި ރައީސް މުހައްމަދު ޚާތަމީގެ ވެރިކަމުގައި ސިއްހަތާބެހޭ ވަޒީރުކަން ކުރެއްވި ޔަޒްޝިކާން އަކީ ތަމްރީނު ލިބިވަޑައިގެންފައިވާ ހިތުގެ ބަލީގެ ޑޮކްޓަރެއްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެެވެ.

އޭނާ އެންމެ ބޮޑަށް ފާހަގަވެފައި ވަނީ 2009 ވަނަ އަހަރު ބޭއްވި ޑިމޮކްރަސީއަށް ތާއީދުކުރާ މުޒާހަރާތަކުގައި ބައިވެރިވެ، ޖަލުގައި ހުއްޓައި މަރުވި، މަހްސާ އަމީނީގެ މަރުގެ ސަބަބުން 2022 ވަނަ އަހަރު ފުލުހުންނާއި އާންމުންގެ ކުރިމަތިލުންތަކުގައި ހިނގި އަނިޔާވެރިކަމާ ދެކޮޅަށް ގެންގުޅުއްވި ސްޓޭންޑުންކަން ފާހަގަކުރެވެއެވެ.

ޔަޒްޝިކާން ވަނީ 2013 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާފައެވެ. ނަމަވެސް އެ ދެ އަހަރުވެސް އޭނާއަށް ކުރިމަތިލާންޖެހިފައިވަނީ ނާކާމިޔާބީއާއެެވެ.

އީރާނުގައި ރައީސަކު ހޮވުމަށް އިންތިހާބެއް ބާއްވާފައި މިވަނީ އެގައުމުގެ ކުރީގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމުންނެވެ. ރައީސީ އަވަހާރަވީ އެމަނިކުފާނު ދަތުރުފުޅު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާއެއްގައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން