ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް ކުނި އުކުމުގެ ފީ ނުދައްކާތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގޮވައިގެން ކޯޓަށް ހިނގައްޖެއެވެ.

ވެމްކޯއިން ކޯޓަށް ދިޔައީ އެ ކޯޕަރޭޝަނަށް އެފްއޭއެމުން ދައްކަން ޖެހޭ 39،000ރ. ހޯދުމަށެވެ.

ސިވިލް ކޯޓުގައި އެފްއޭއެމްއާ ދެކޮޅަށް ވެމްކޯއިން ކުރި ދައުވާގައި ބުނީ ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި ނަގައިދިނުމުން އެ ހިދުމަތަށްވާ ފައިސާ އެފްއޭއެމުން ދައްކާފައި ނުވާކަމަށެވެ. އަދި އެ މައްސަލައިގައި އެފްއޭއެމުން ކޯޓުގައި ޖަވާބުދާރީ ވެފައިނުވާއިރު ކޯޓުން ވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި މައްސަލަ ބަލަން ނިންމާފައެވެ.

ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ރަސްމީ ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށެވެ. އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުގައި މިފަދަ ދައުވާއެއް ކޮށްފައި މިވަނީ އެފްއޭއެމް މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އިރެއްގައިކަން ފާހަގަ ކުރެވެއެވެ.

މިއީ އެފްއޭއެމްގެ މައްޗަށް މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ކުރި ތިންވަނަ ހުކުމްކަން ފާހަގަ ކުރެވެއެވެ. މި ތިން ހުކުމް ވެސް ކޮށްފައި ވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގަ އެވެ.



އެގޮތުން އެފްއޭއެމްގެ މައްޗަށް ފުރަތަމަ ހުކުމްކުރީ އަމިއްލަ ކުންފުންޏެއްގެ އަތުން ނެގި ފައިސާ އަނބުރާ ދައްކަން އެފްއޭއެމުން ދޫކުރި ޗެކެއް ބައުންސްވި މައްސަލާގައި 30 ދުވަހުގެ ތެރޭގައި 776،000ރ. ދައްކާށެވެ.

އަދި ޑޮލަރުން އަނބުރާ ދައްކާ ގޮތަށް އަމިއްލަ ފަރުދެއްގެ އަތުން މިދިޔަ އަހަރު ނެގި 308،400ރ. ނުދެއްކުމުން، އެއަށް ވާ 20،000 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ވާ 27،000 ރުފިޔާ 10 ދުވަސް ތެރޭގައި ދައްކަން މިދިޔަ އަންގާރަ ދުވަހު އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން