މާދަމާގެ ސަލާމަތާއި، ފުދުންތެރިކަމާއި، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަަށް އެދިވަޑައިގަތީ ހިޖުރީ އާއަހަރު ފެށުމުގެ މުނާސަބާތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިތާބެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚިތާބުގައި ވިދާޅުވީ ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށެވެ. ރައީސް ވިދާޅުވީ، ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން ދިވެހި ފަސްގަނޑުގައި، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢު ވަނީ އިހުމާލުވެފައި ކަމަށާއި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަޅުގަނޑުމެން އަހުލުވެރިވުން ކުޑަ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

"އައު އަހަރާއެކު އަޅުގަނޑުމެންގެ ޢަޒްމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި، ފުދުންތެރިކަމާއި، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމެވެ. އެންމެން އެއް ރޫޙެއްގައި މި ޤައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމެވެ،" ރައީސްގެ ޚިތާބުގައިވެއެެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތް ކަމަށެވެ. މުޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، "މިއީ އެއް އުންމަތެއްކަމުގައި" ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިޖްރީ އައު އަހަރު ހަނދާން އައުކޮށްދެނީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ޙައްސާސް އެއް ނިންމެވުން ކަމަށާއި ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ صلى الله عليه وسلم ކަންކަން ކުރެއްވި ގޮތާއި، މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ޤާއިމުކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި، މައްކާ ފަތަޙަ ކުރެއްވުމުގެ ބޮޑު ކާމިޔާބީ، އޭގެ 10 ވަރަކަށް އަހަރު ފަހުން ޙާޞިލްކުރެއްވި ގޮތަކީ، ކޮންމެ ޤައުމެއްގެ ކުރިއެރުމާއި ކާމިޔާބީއަށްވެސް އަގުހުރި ދަރުސްތަކެއް ކަމަށެެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ މުޅި ދިރިއުޅުއްވުމުން ވެސް ފެންނާން އޮތީ، ނަމޫނާ ލިބިގަންނަން ޖެހޭ މިފަދަ އެތައް މިސާލެއް ކަމަށެވެ. އެގޮތުން މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ޤައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަން ކަމަށާއި ޢާއިލާތައް ބަދަހިވާން ޖެހޭކަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ޤައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަމެވެ. ޢާއިލާތައް ބަދަހިވާން ޖެހޭކަމެވެ. މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަމެވެ. އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަމެވެ. ކޮންމެ ފަރުދަކުވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭކަމެވެ. އިސްރާފު ނުކުރުމާއި، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ޤައުމުގެ އިޤްތިޞާދު ހަރުދަނާވާނޭކަމެވެ. އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ޤާނޫނުތަކާއި އުޞޫލުތައް ތަންފީޒުވާން ޖެހޭކަމެވެ." ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ލިބިދޭ ދަރުސްތައް ހާމަކުރައްވައި ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން