ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލާފައިވަނީ މިދިޔަ ޖޫން މަހުގެ 04 ވަނަ ދުވަހުގެރޭ 03:03 އެހާކަންހާއިރުއެވެ.

މިމައްސަލައިގައި ތުހުމަތުގައިި 33 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 06 ވަނަ ދުވަހުއެވެ. އެމީހާ ހައްޔަރުކުރުމަށްފަހު ބަންދާއި މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ބަންދަށް ދީފައިވަނީ 30 ދުވަހެެވެ. އެމުއްދަތު މިއަދަށް ހަމަވާތީ ބަންދާއި މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންނާއި ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ އެމީހާގެ މައްޗަށް ދައުވާ ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. އެމީހާ ކުރި އަމަލަކީ ގިނަ ބަޔަކަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް އެއަމުރުގައި ބުނެފައިވެއެވެ.

މި ހާދިސާގައި ތިން ސައިކަލު އެއްކޮށް ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާއިރު، އެ ސައިކަލުތައް ކައިރީގައި ޕާކުކޮށްފައި އޮތް ވޭނެއް ވެސް އަދި އިތުރު ހަތަރު ސައިކަލަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން