ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުން ފެށި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެ، ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނާއި ގުޅިގެން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވިދާޅުވީ، މިވަގުތު ފޯކަސް ހުރީ ދިވެހި ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ އެފަދަ ވިޔަފާރި ކުރަމުންދާތީ އެފަދަ ތަންތަން ދެނެގަނެ އެ ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އިމިގްރޭޝަން ޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ކަމަށެވެ.

އެގޮތުން އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ރައީސް، ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދިވެހިންނަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމަށް ޝަމްޢާން ވިދާޅުވިއެވެ. އެހެން ކަމުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެެއްވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެ، ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ޤަވާއިދާއި ހިލާފަށް ވިޔަފާރި ކުރާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމަށް ވެސް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން