މި އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރު 4.9 ޕަސެންޓަށް ދަށްކޮށްފި އެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓްގައި ރާއްޖޭގެ އިގުތިސޯދު 5.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ މަހުގެ މެކްރޯ އިކޮނޮމިކް އަޕްޑޭޓުގައި ބުނާގޮތުން އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 4.9 ޕަސެންޓަށެވެ. މެކްރޯ އިކޮނޮމިކް އަޕްޑޭޓުގައި އޭގެ ސަބަބެއް ކަމަށް ބުނީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ މަޑުޖެހިފައިވާތީއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެކަން އެހެން ދިމާވީ އިންޑިއާއިން ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމާއި، ރިސޯޓްތަކުގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތާއި އަދި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުންނެެވެ.

އިމާރާތް ކުރުމުގެ ދާއިރާއަށް މަޑުޖެހުން އައިސްފައި ވަނީ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅިގެން ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތައް މަޑުޖައްސާލުމާއި ގުޅިގެން ކަމަށް ރިޕޯޓްގައި ވެއެވެ.

އިމާރާތް ކުރުމުގެ ދާއިރާ 0.7 ޕަސެންޓަށް މިއަހަރު އިތުރުވާނެ ކަމަށް ރިޕޯޓްގައިވެއެވެ. ރިޕޯޓުގައި ބުނެފައިވާގޮތުން މިދިޔަ އަހަރަށް ވުރެ މިއަހަރު ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުވާނެއެވެ. އެގޮތުން ޓޫރިޒަމުން މި އަހަރު ޖީޑީޕީއަށް ކުރާ ހިއްސާ 21.9 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.1 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން