ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ޤާނޫނު އަސާސީއަށް އިސްލާހު ހުށައަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުން ކަމަށެެވެ. ރައީސް ވިދާޅުވީ އެކަމާއި ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ރައްޔިތުން އެގޮތަށް ނިންމައިފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ޤާނޫނު އަސާސީއަށް އިސްލާހު ހުށައަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިގެންދިޔަ މަޖިލިސް އިންތިހާބަށް 120 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ހަރަދުވި ކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ދެ ބުރު ނިމުނުއިރު 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. މި ދެ އިންތިހާބަކީ ވަރަށް ކައިރި ކައިރީގައި ބާއްވާ ދެ އިންތިހާބު ކަމަށްވާއިރު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ މި ދެ އިންތިހާބު އެކީގައި ބޭއްވުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްފިނަމަ ވަރަށް ގިނަ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި އެ 120 މިލިއަން ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ސަރުކާރަށް ނިންމައި ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޤާނޫނު އަސާސީއަށް މި އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ރައްޔިތުން މިގޮތަށް ނިންމަވައިދެއްވައިފިއްޔާ. ޤާނޫނު އަސާސީއަށް އެ އިސްލާހު ގެނެސް 2028 ގައި މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅުގޮތް. ރައްޔިތުން އެގޮތަށް ނިންމަވައި ދެއްވާނެ ކަން އަޅުގަނޑަށް ޔަގީން. މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ޤާނޫނު އަސާސީއަށް މި އިސްލާހު ގެންނަން އަޅުގަނޑު ހުށައަޅާނަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން