މިހާރު އުފައްދާފައިވާ ކޮމިޝަންތަކުގައި ތިބެން ގާނޫނުން ކަނޑައަޅާ މެންބަރުންގެ އަދަދު މަދު ކުރުމަށް ގާނޫނަށް އިސްލާހު ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހައުސް ގައި އާދިއްތަ ދުވަހުގެރޭ ބޭއްވި ހަރުގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮމިޝަންތަކުގައި މެންބަރުންގެ ގޮތުގައި ފަސް މެންބަރުން ނުވަތަ ހަތް މެންބަރުން އަދި ބައެއް ކޮމިޝަންތަކުގައި އެއަށް ވުރެ ގިނަ އަދަދަކަށް މެންބަރުން ތިބުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫން ކަަމަށެވެ. އެހެންކަމުން ކޮމިޝަންތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމާއި ބައެއް ކޮމިޝަންތައް އެއްކޮށްލުމަށް ނިންމަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިހްލާސްތެރިކަމާ އެކީގައި ތެދުވެރިކަމާ އެކީގައި ރައްޔިތުންނަށްޓަކާ ކަމެއް ކޮށްދިނުމަށް ބޮޑު ޓީމެއް އޮންނަން ނުޖެހޭ ކަމަަށެވެ.

ރައީސް ވަނީ އެއް ޒާތެއްގެ މަސައްކަތް ކުރާ ކޮމިޝަންތައް ހުރިކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ކޮމިޝަންތައް އެއްކޮށްލުމުގެ މަސައްކަތް ކުރައްވާނެ ކަމަަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ މީގެން ކޮންމެ ކޮމިޝަނެއްގައި ކޮންމެ ބޮޑީއެއްގައި މެންބަރުންގެ ގޮތުގައި ގާނޫނުތަކުން ކަނޑައަޅާފައިވާ އަދަދު މަދު ކުރާނަން އިރާދަ ކުރެއްވިއްޔާ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން