ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމާ، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެވެެ.

ރައީސްގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި، އެމްޑީޕީގެ ރައީސް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންކަން ހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.



ޕީއެންސީގެ ޖަގަހައިގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުގެ އަދަދު ކުޑަކުރަން ޖެހޭކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކޮށްފި ނަމަ، ރައްޔިތުންގެ އަޑު ކެނޑިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި އަދި އާންމު ސައިޒުގެ ރަށެއްގައި ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެއް ހުރުމުން ފުދޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޓީތައް ފަދަ ބޮޑެތި އާބާދީ ތަކަށް އެއަށްވުރެ އިތުރަށް ކައުންސިލަރުން ތިބިކަމުގައި ވީނަމަވެސް، 300، 500 ނުވަތަ 1000 މީހުން އުޅޭ އާބާދީތަކަށް ރައީސަކާއި ނާއިބު ރައީސެއް ހުރުމުން އެންމެ ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން