ރާއްޖޭގެ ލޯކަލް ކައުންސިލްތަކުން ޖަމިއްޔާއެއް ހަދައި އިފްތިތާހުކޮށްފި އެވެ.

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމްއެލްސީއޭ)ގެ ނަމުގައި ގާއިމުކުރި އެ މި އެސޯސިއޭޝަން އިފްތިތާހުކޮށްދެއްވީ ބ. ކަމަދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ސިޓީތަކާއި ލޯކަލް ގަވާމަންޓާބެހޭ މިނިސްޓަރު އާދަމް ޝަރީފް އެވެ،

އެމްއެލްސީއޭއަކީ ސިޓީކައުންސިލާއި، އަތޮޅުކައުންސިލާއި އަދި ރަށުކައުންސިލް ތަކުގެ ތެރެއިން އެ އެސޯޝިއޭޝަންގެ މެންބަރޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ.

އެ އެސޯސިއޭޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ ޖަމިއްޔާ އުފެދިގެން ދާއިރު ސަރުކާރުގެ ފަރާތުން ކައުންސިލްގެ ކަންކަން ބާރުވެރިކުރުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި އަދި އެފަދަ ކަންކަމުގައި ކައުންސިލްތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"މި މަސައްކަތަކީ އެންމެން ޝާމިލްވާ ގޮތަށް މި ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ކޮށްދެންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކުރަންޖެހޭ ކަނކަން ކުރުމުގައި މި ފަދަ ޖަމްޢިއްޔާތަކާއި އެކުގައި، އެއީ ކައުންސިލެއް ކަމުގައި ވިޔަސް އެ ކައުންސިލާއި އެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކު ކޮށްދޭނެ ވާހަކަ މިއަދު ވެސް ތިޔަ ބޭފުޅުންގެ މައުލޫމާތަށް ޓަކައި ދަންނަވަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ނިޒާމެއްގެ ގޮތުގައި ކައުންސިލްތަކުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންނަށް ފައިދާވާ މަސައްކަތްތަކެއް ކުރާ ޖަމިއްޔާއަކަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން