ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަތައް ފަސޭހައިން ހުށަނޭޅޭ ގޮތަށް ހަދަން ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން ގޮވާލައްވައިފި އެވެ.

މި ހިނގާ 20 ވަނަ މަޖިލިސް ފެށުނު ފަހުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީގެ މެމްބަރުން ދަނީ ވަރަށް ގިނައިން ކުއްލި މައްސަލަތައް މަޖިލީހަށް ހުށަހަޅަމުން ނެވެ.

އެގޮތުން މިއަދުވެސް ވަނީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލު ކުއްލި މައްސަލައެއް ހުށަހެޅުއްވައިފަ އެވެ. އެއީ ސަރުކާރުގެ ސްކޮލަޝިޕްތަކާއި ސްޓޫޑަންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާކޮށްދިނުން ލަސްވާތީ ކަމަށް ބުނެ ހުށައެޅި ގަރާރެކެވެ.

އެކަމަކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުންގެ ވޯޓާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

އެ މައްސަަލަ ބޭރުކޮށްލިފަހުން ކޮޕީ ރައިޓްސްއާ ގުޅޭ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވަނީ އިދިކޮޅުން ހުށަހަޅަމުންދާ ،ކުއްލި މައްސަލަތަކަށް ފާޑު ވިދާޅުވެފަ އެވެ.

އޭނާ އެ މައްސަލަތައް ސިފަކުރެއްވީ މަޖިލީހުގެ ވަގުތު ބޭކާރުކުރުމަށް ހުށަހަޅާ މައްސަލަތަކެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު ވެސް ތަކުރާރުކޮށް އެދެން މިފަދަ ބޭކާރު ބިލުތައް ނުވަތަ ކުއްލި މައްސަލަތައް ނުވަންނާނެ ގޮތަކަށް މި ކަންކަން ފަރުމާކުރަން. ކޮންމެ ދުވަހަކު އަޅުގަނޑުމެން މަސައްކަތް މި ފައްޓަނީ ކޮންމެވެސް ކަހަލަ ތާކުންތާކު ނުޖެހޭ ކަމެއްގެ ތެރެއިން. އެއްވެސް ކަހަލަ އުސޫލެއް އަސްލެއް ނެތް ކަމެއްގެ ތެރެއިން. މިހެން ނުވާނެ ގޮތަކަށް މަޖިލިސް ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެވެސް ކަހަލަ އަދަދެއް އޮވެގެން ނޫނީ ދެން މިހާރު މިތަނަށް ކުއްލި މައްސަލަ ހުށަނޭޅޭނެ ގޮތަކަށް މިކަންކަން ފަރުމާކުރުމަށް ގޮވާލަން." މުސްތަފާ ވިދާޅުވި އެވެ.

އިދިކޮޅުން ހުށަހަޅާ ކުއްލި މައްސަލަތަކަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ފާޑު ވިދާޅުވި އިރު ޕީއެންސީގެ މެމްބަރުން ވަނީ މަޖިލީހުގެ ވަގުތުތައް ބޭކާރުކުރަން ކުރާ މަސައްކަތްތަކަށް ޖާގަ ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން