ސަރުކާރުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ޙާލުގައި ނުޖައްސާނެކަމުގެ ޔަޤީންކަން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ދީފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު ކިޔަވަމުން ދާކަމަށާއި، މި ދަރިވަރުންގެ ކޯސްފީއާއި ލިވިންގ އެލަވަންސާއި އެހެނިހެން ޚަރަދުތައް ހަމަޖެހިފައިވާ އުޞޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާކަމަށެވެ.

ނަމަވެސް ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވުން އެކަށީގެންވާކަމަށާއި އަދި އެއީ މިއަދަކު އެކަނިވިކަމެއް ނޫންކަމަށާއި، މީގެ ކުރިން ވެސް މިފަދަ ޙާލަތްތައް މެދުވެރިވެފައިވާކަން އެމިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން ޢާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ނުލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވަރސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ނަގާ ވަގުތުކަމަށް އެމިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކަންމިހެން ހުރުމާއެކުވެސް މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ޚިދުމަތްތައް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ޚިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

"އެހެންކަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެންމެހައި ދަރިވަރުންނަށް، ދޭންއޮތް ޔަޤީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް، ކުރެވެންއޮތް ކޮންމެކަމެއް ދިވެހިސަރުކާރުން ކުރާނެކަން. ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެއުގޮތުގައި ބިނާކޮށް، މި ޤައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ޙިއްޞާ އިތުރު ކުރަން." މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފައިވެއެވެ.

އެމިނިސްޓްރީން ވަނީ ދަރިން ބިނާކުރުމުގެ މި ފަދަ ޤައުމީ އަދި މުހިއްމު މަސައްކަތަކާއި ގުޅުވައިގެން، ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް، ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުތައް ގެނެސްދިނުމާމެދު ކަންބޮޑުވުންފާޅުކޮށް، ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން ޢާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޚަބަރު ފަތުރާ ވަސީލަތްތަކުން ޢަމަލު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން