ރައްޔިތުން ބަނޑަށް ޖެހި ވިޔަފާރިތައް ފުނޑިގެންދިޔަ ނުދިނުމަށް ފައިސާ ޗާޕްކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ފައިސާ ޗާޕްކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި، އިންފުލޭޝަން މައްޗަށް ދަނީ ފައިސާ ޗާޕްކޮށްގެން ނޫން ކަމަށެވެ.

އެގޮތުން އިންފުލޭޝަން މައްޗަށް ގޮސް ތަކެތީގެ އަގު ބޮޑުވަނީ ފުލައިޓް އަގުބޮޑުވެގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ތަކެތީގެ އަގު ބޮޑުވެގެންދިޔަ ނަމަވެސް އިޤްތިސާދަށް މިހާރު ކުރިމަތިވެފައިވާ ހީނަރު ކަމުން އަރައިގަތުމަށް ފައިސާ ޗާޕްކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ މިހާރުންް މިހާރަށް ފައިސާ ޗާޕްކުރުމަށް ރައީސް މުޢިއްޒަށް ގޮވާލައްވާފައެެެވެ. ފައްޔާޒު ވިދާޅުވީ ރިސޯޓް އޯނަރުން ޑޮލަރު މާރުކޭޓަށް ނުނެރުމުގެ ސަބަބުން ޑޮލަރުގެ އަގު ބޮޑުވަމުންދާ ކަމަށެވެ.

"އެހެންވީމާ ވިސްނުންތެރިކަމާއެކު ފައިސާ ޗާޕްކުރައްވައިގެން ވިޔަސް ވިޔަފާރިތައް ފުނޑު ފުނޑުވިޔަ ނުދެއްވާށޭ އެމީހުންނަށް އެ ލާރި ދެއްވާށޭ. އެއްޗެހިީގެ އަގު ކުޑަކުޑަ ތަންކޮޅެއް ބޮޑުވެދާނެ، އެކަން ނުކޮށްފިއްޔާ މިހާރު އެހެން ހުރިހާ ވިޔަފާރިތައް ފުނޑުފުނޑު ވެގެން އެދަނީ އެމީހުންގެ މުވައްޒަފުން ވަޒީފާ ގެއްލެނީ، އެމީހުންގެ ވަޒީފާތައް ގެއްލުނީމާ ކަންމަތީ ފިހާރަތަކުގެ ސޭލްސް ޑަބަލް ތިރިވެއްޖެ، ކޮފީ ޝޮޕްތައް އެ އޮތް ހުއްޓެނީ. އެހެންވީމަ އެއްޗެހީގެ އަގު ކުޑަ ތަންކޮޅެއް ބޮޑުވުންތޯ މީގައި ރަނގަޅީ ނޫނީ މީހުންތައް ފުނޑު ފުނޑުވެގެން ގޮސް ވަޒީފާތައް ގެއްލި އެމީހުން ކާނެ ބޯނެ ގޮތެއް ނެތިގެން ދިޔުންތޯ، އެމީހުން ކުލި ނުދެއްކުނީމާ އިމާރަތްތަކުން ނިކުތީމާ އިމާރަތްތަކުގެ ވެރިފަރާތް ބެންކަށް ދައްކަންޖެހޭ ލާރި ނުދެއްކިގެން އައިސް މި ހުރިހާ ކަމަކާއި ވިސްނަންޖެހޭނެ،" ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ވެގެން އުޅޭގޮތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފައިސާ ޗާޕްކުރުމޭ ވިދާޅުވެ ދެެއްކެވި ވާހަކަފުޅުގެ މަޅީގައި ރައީސް މުޢިއްޒަށް ޖެހިވަޑައިގެންނެވުނީ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ފައިސާ ޗާޕްނުކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއީ ގަދަކަމެއް ނޫން ކަމަށެވެ. އަދި ފައިސާ ޗާޕުކުރުމަކީ ކުރަން އޮންނަ ކަމެއް ކަމަށާއި ފައިސާ ޗާޕްކުރުމަށްފަހު އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ފައިސާގެ އަގު ދަށްވިޔަސް ހެވެއް ނޫންތޯ؟އަޅުގަނޑު މިދަންނަވާ ވާހަކަ އަކީ ފައިސާގެ އަގު ބޮޑުކޮށްގެން ތިބެންވީހޭ މީހުން ބަނޑަށް ޖެހި މަރުވާން. އެނިންމުން ނިންމަވާނީ އެބަޔަކު. އަޅުގަނޑުގެ ނިންމުމަކަށްނަމަ ވާނީ އޭގެ އަގުބޮޑުވީ ނަމަވެސް އެކަމަކު އެއާއެކު ކުރަންޖެހޭ ކަންކަން ހުއްނާނެ އެހެންވީމާ 1 ބިލިއަން ރުފިޔާ ޗާޕްކޮށްފައި ވިޔަފާރިތަކަށް ދީފައި ސިޔާސީ މަގާމުތަކުން 1 ބިލިއަން ރުފިޔާ ކަނޑާލަބަލަ. މިއީ ކޭޝް ފުލޯ މެނޭޖްކުރަން ކުރާކަމެއް، މިއަދުގެ ކޮޅު ބަދަކުރެއްވި ކުރީގެ މެމްބަރަކަށް ސްޓޭޓް މިނިސްޓަރު ކަން ވެސް ދެއްވައިފި،" ފައްޔާޒު ވިދާޅުވިއެވެ.

ކޮވިޑު 19 އާއި ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ 2023 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އޭރު އޮތް 19 ވަނަ މަޖިލީހުން އޮތީ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރުމުގެ ފުރުސަތު ދީފައެެވެެ. ފައިސާ ޗާޕްކުރުމަށް ފުރުސަތު ދޭން އޭރު މަޖިލީހުން އުވާލި މައްދާތައް އަލުން ވުޖޫދުކޮށް ރައީސް މުޢިއްޒު ވަނީ ސަރުކާރުން ފައިސާ ޗާޕު ނުކުރަން ނިންމަވާފައެވެ.

އެހެން ނަމަވެސް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ދައުލަތުން ދަރަންޏަށް ފައިސާ ނެގޭ އަދަދު މިހާރަށްވުރެ އިތުރުކޮށް، މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެެވެެ.


ކިޔުންތެރިންގެ ހިޔާލު


2

ސަންބޯ

10-Jul-2024

ފައްޔާޒު ގުދޯ ގުދޯ ގޮވަނީ.......



ޓްރެންޑިން