ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މި ސަރުކާރުން ފެށި މަސައްކަތުން މިހާތަނަށް ދައުލަތަށް ހަތަރު ބިލިއަން ރުފިޔާ ސަލާމަށް ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށާއި ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް ޓޫލްކިޓް ޑިޖިޓައިޒްޑް ޕްލެޓްފޯމް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ފައިސާއިން އިސްރާފުވާ ގޮތަށް ކުރަމުންދިޔަ ކަންކަން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ނައިބު ރައީސް ވިދާަޅުވިއެވެ.

ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ވިދާޅުވީ ރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާ ކަމަށެވެ. 

ގައުމުގެ ތަހުޒީބާއި ކުރިއެރުމާއި ކާމިޔާބީތައް ދެމެހެއްޓުމުގައި، ނަޒާހާތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމުވާއިރު ކޮރަޕްޝަނާއި ފަސާދައިން މުޖްތަމައު ސަލާމަތްވެފައި އޮތުން ވެސް މުހިންމު ކަމަށް ނައިބު ވިދާޅުވިއެވެ. 

ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ހިންގަމުން ދިޔަ މަޝްރޫއުތައް ތިން ގުނަ އިތުރަށް ހޭދަ ކުރުން ހުއްޓުމަކަށް ގެނެސް ދައުލަތުގެ މާލީއްޔާއިން ކުރަމުން ދިޔަ ހަރަދުތައް ރައީސް މުއިއްޒުގެ ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ހިންގި އެތައް ކަމެއް ސުމަކަށް ހައްދަވާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ މިހާރު ސަލާމަތް ކޮށްދެއްވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން