ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހަރަދުތައް ކުޑަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާ މިއަދު ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން ރައީސް އޮފީހުން އަންގާފައިވާތީ ޖޭއެސްސީން ވެސް ބައެއް ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

ހަރަދުކުޑަކުރުމުގެ ގޮތުން ޖޭއެސްސީން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ފިޔަވައި އެހެނިހެން ޕްރޮގްރާމްތައް މަޑުޖައްސާލުމާއި އިތުރުގަޑީގައި ކޮންމެހެން ނުކުމެ ކުރަން ޖެހޭ މަސައްކަތްތައް، ސުޕަވައިޒަރުގެ ހާއްސަ ހުއްދާއާއެކު ކުރުމާއި ސުޕަވައިޒަރުން އިތުރުގަޑި މޮނިޓާކުރުމާއި އާ މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުން ހިމެނެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާ ވިދާޅުވީ އާ ފަނޑިޔާރުން ނެގުމުގެ މަސައްކަތާއި އާ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުތައް މިވަގުތަށް ނުބޭއްވުމާއި މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުން ދިގު މުއްދަތުގެ ކޯސްތަކަށް ވީއްލުން މަޑުޖައްސާލުން ވެސް ހިމެނޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން މިހާރު އަޅަމުން އަންނަ އެންމެ މުހިންމު ފިޔަވަޅު ތަކެއްގެ ތެރޭގައި ސިޔާސީ މަގާމުތައް މަދު ކުރުން ހިމެނެއެވެ. އަދި ރިކަރަންޓް ހަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން