ލޯކަލް ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ސަރުކާރުން މަސައްކަތް ފަށާފައިވަނީ ކައުންސިލްތަކަށް ދޭ ފައިސާއާއި ސަރުކާރުން ކުޅެން ބޭނުންވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލްވަނީ މި ސަރުކާރުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން އުޅޭތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ކައުންސިލްތަކަށް ދޭންޖެހޭ ގްރާންޓް ފައިސާ ދޭން ސަރުކާރުން ބޭނުންވާނީ އެކަމަށް ހާއްސަ މިނިސްޓަރު މެދުވެރިކޮށްކަމަށެވެ. އަދި ކައުންސިލްތަކުގައި ސަރުކާރަށް އަތްނުލެވޭ ބިލިއަނެއްހާ ފައިސާ އެބަހުރި ކަމަށާއި އެހެންކަމުން ސަރުކާރުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން އުޅެނީ ކައުންސިލްތަކުގެ ބާރު ކުޑަކޮށް އެ ފައިސާއާއި ކުޅެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިސްޓްރީއެއް ވެސް ހެދީ އެހެންވީމަ. މިހާރު ކައުންސިލަށް ލިބޭ ބަޖެޓު ދެން ލިބޭނީ މިނިސްޓްރީއަށޯ. ކޮންމެ މަހަކު ކައުންސިލަށް ބޭނުންވާ ފައިސާ ފޮނުވަދޭނީ މިނިސްޓަރޯ. މި ފައިސާތަކާ ނުކުޅެވިގެން މި ބޭފުޅުން ކައުންސިލްތައް ކުޑަ ކުރަން މި އުޅެނީ" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، ކައުންސިލްތަކުގެ ބާރު ކުޑަކުރަން ސައިޒުކުޑަކުރަން ސަރުކާރުން ގާނޫނަށް ހުށަހަޅާ އިސްލާހަކަށް އެމްޑީޕީން ތާއީދު ނުކުރާނެކަމަށެވެ.

ނާޒިލް މިހެން ވިދާޅުވެފައި މިވަނީ، އާދައިގެ އަދަދެއްގެ އާބާދީއެއް އޮންނަ ރަށަކަށް ދެ ކައުންސިލަރުން ތިބުމުން ވާނެކަމަށް ވިދާޅުވެ އެގޮތަށް ލާމާރުކަޒީ ގާނޫނު އިސްލާހު ކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން