އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރުމަށް ބޭންކުތަކުން ފައިނޭންސް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ،އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރުމަށް ބޭންކުތަކުން ފައިނޭންސް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ފައިސަލް ވިދާޅުވީ ނިމިދިޔަ މަޖިލީހުގެ އިންތިހާބުގައި އައްޑުއަށް ތިން ފަހަރެއްގެ މަތިން ވަޑައިގެން އައްޑޫގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެބޭފުޅުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ޓޫރިޒަމް ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ ބިންތައް ތަރައްގީ ކުރުމަށް ފައިނޭންސް ހޯދޭނެ މަގެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ބީއެމްއެލް އާއި އެމްއައިބީ މެދުވެރިކޮށް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަހަރަކު އެންމެ މަދުވެގެން 100 މިލިއަން ރުފިޔާ މީގެ ކޮންމެ ބޭންކަކުން އެތަންތަން ޑިވްލޮޕްކުރުމަށް ފެސިލިޓޭޑެޓް ކުރުމަށްޓަަކައި އެކަން ކުރެވިއްޖެނަމަ ޕްރައިވެޓް ސެކްޓާ ތެރެއިން އަޅުގަނޑުމެން މި ބޭނުންވާ ބެޑްގެ އަދަދު އައްޑޫގައި ގާއިމްކުރެވޭނެ،" ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފައިސަލް ވިދާޅުވީ ޗައިނާގެ ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދު މިއަހަރު ތެރޭ ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. ފައިސަލް ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ޝަންގްރިއްލާ ހުޅުވުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އެހެންކަމުން ޝަންގްރިއްލާ ހުޅުވުމުގެ އެންމެ މުހިންމު މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އައްޑޫގައި މިހާރު ހުރި ކަމަށް ތަފާސްހިސާބުން ދައްކަނީ 850 ވަރަކަށް އެނދު ކަމަށެވެ. އަދި މިނިސްޓްރީން ބޭނުންވަނީ އެ ސިޓީއަށް ސީދާ ކުރާ ދަތުރުތައް ފުވައްމުލަކާއި ގދ. އަދި ގއ.އާ ގުޅުވާލުންކަމަަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ބޭންކުތަކުން އައްޑޫ ޓޫރިޒަމް ތަރައްގީ ކުރުމަށް ފައިސާ ހަމަޖެހުމުން ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް އެނދު އިތުރުކުރެވި، އައްޑުއަށް ޗައިނާއިން ސީދާ ދަތުރުތައް ވެސް ފެށުމުން ޝަންގްރިއްލާ ހުޅުވަން ރިޒޯޓުގެ ވެރިން އަމިއްލައަށް ބޭނުން ވާނެ ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ސަރުކާރުގެ 30 ޕަސެންޓު ހިއްސާއާއި ސަރުކާރާ ގުޅިގެން ހަދައިފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓުގެ 70 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ހުޅުވި ޝަންގުރިއްލާ ބަންދުކުރީ ކޮވިޑާއި ގުޅިގެންނެވެެ. އައްޑޫގައި 2009 ވަނަ އަހަރު ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ހުޅުވި އެ ރިސޯޓުގައި އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުންދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން