މިއަދު ދަައްކަންޖެހޭނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގެ ރަނގަޅު ވާހަކަ ކަމަށާއި އެނޫން ވާހަކައެއް ނުދެއްކޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެެ.

"ކުރީގެ ސަރުކާރު، ކުރީގެ ސަރުކާރު" ނަމުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިއަދު މި ސަރުކާރަށް ދެއްކެން އޮތީ ކުރީގެ ރައީސް ސޯލިހްގެ ރަނގަޅު ވާހަކަ ކަމަށާއި އެނޫން ވާހަކަ އެއް ނުދެއްކޭނެ ކަަމަށެވެ. އާޒިމް ވިދާޅުވީ މިއަދު މިރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަ ނަމަވެސް އެރަށަކުން ފެންނަނީ ރަންރީނދޫ ލަޝްކަރުގެ ތަރައްގީގެ މަސައްކަތް ކަމަށެވެ. އެގޮތުން ގިނަ ރަށްރަށުގެ ބަނދަރު ތަރައްގީކޮށް ބަނދަރުގައި ޒަމާނާ އެއްގޮތަށް ޓަމިނަލްތައް ހަދާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއަދު އެމީހުންނަށް ދައްކަން އޮތީ ކުރީ ސަރުކާރުގެ ރަނގަޅު ވާހަކަ. އެ ނޫން އެއްވެސް ވާހަކައެއް ނުދެއްކޭނެ. އެމްޑީޕީގެ ސަރުކާރުގައި އަޅުގަނޑުމެން ކުރި މަސައްކަތެއް ވިއްޔާ ހުންނާނީ ވަރަށް ރަނގަޅަށް. ވަރަށް ހެޔޮ ހިތުން. އެމަސައްކަތް ކޮށްފައި އޮތް ގޮތުން އިތުރަށް ތަރައްގީކޮށް ކުރިއަރުވަންޖެހޭނީ. އަޅުގަނޑުމެން ހުންނާނީ ފައުންޑޭޝަން ވަރަށް ވަރުގަދައަށް އަޅާފައި." މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ގައުމަށް ލިބުނު ހުރިހާ ތަރައްގީއެއް ލިބިފައިވަނީ އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެމްޑީޕީގެ މެންބަރުން ބުރަ މަސައްކަތްތައްކޮށް ދަލާއި ލޭ އޮހޮރާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު މުސްކުޅި މައިންބަފައިންނަަށް ލިބޭ 5000 ރުފިޔާ، އެކަނިވެރި މައިންނަށް ދޭ އެލަވަންްސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް، އަދި ކިޔަވާ ކުދިންނަށް ހިލޭ ފޮތްފަންސޫރު، ލިބޭ ގޮތް ހެދީ އެމްޑީޕީގެ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

އާޒިމް ވިދާޅުވީ މިއަދު ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރު ނިޒާމެއް ލިބިފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ތަރައްގީ ކުރުމަށް މަސައްކަތް ކުރުން ފިޔަވައި އިތުރު މަސައްކަތެއް މިއަދުގެ ސަރުކާރަށް ކުރަން ނުޖެހޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ވެސް ކަށަވަރު ކޮށްދީފައި ވަނީ އެމްޑީޕީން ކަން ފާހަގަ ކުރައްވާފައެވެ. އެމްޑީޕީން ހިއްކާ ސަރުކާރާ ހަވާލުކޮށްފައިވާ ބިމަކުން މިއަދުގެ ސަރުކާރަށް ރައްޔިތުންނަށް ދޫކުރަންޖެހޭ ގޯތިތައް ވެސް ދޫކުރެވިފައި ނުވާ ކަމަށް ވިދާޅުވެ މޭޔަރު އާޒިމް ރޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން