ފަސާދައާ ދެކޮޅަށް ތެދުވަން ޖެހޭކަން ފިރުއައުނު ޣަރަގުކުރެއްވި ހާދިސާއިން އެނގޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އެގޮތުން. ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސްކަން ވެސް ހަނދާންކޮށްދީފައި ވެއެވެ.

ހުތުބާގައި ބުނީ އެފަދަ ހާދިސާތަކުގައި، ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައް ވާކަމަށެވެ. މީގެ އެންމެ މުހިންމު ފިލާވަޅަކީ، މާތް ﷲ އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށް ވެސް ބުނެފައި ވެއެވެ.

"ފިރުޢައުނު ޣަރަގުކުރެއްވި ހާދިސާއިން އެނގެނީ، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން ޢަޒާބުދެއްވައި، ނެތިކުރައްވާނެކަމެވެ. އެ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެކަމެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެކަމެވެ. ހަމައެހެންމެ، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި، ޝަރަފާއި، ގަދަރު ދެއްވާނެކަމެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މުޙައްރަމް މަހަކީ، މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ މަހެއްކަމަށެވެ. ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން