އދގެ މައި މަރުކަޒުގައި މިއަދު ކުރިއަށްދިޔަ 'ޔޫ.އެން.އާރް.ޑަބްލިއު.އޭ ޕްލެޖިންގް ކޮންފަރަންސް' ގައި 1.29 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެހީއެއް، އދ އިން ފަލަސްތީނަށް އެހީވާ މަރުކަޒު މެދުވެރިކޮށް ދިވެހިރާއްޖެއިން ފަލަސްޠީނަށް ހަދިޔާ ކުރަން ހަމަޖެހިފައިވާކަން ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވިއެވެ.

ދާއިމީ މަންދޫބުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އދ އިން ފަލަސްތީނަށް އެހީވާ މަރުކަޒަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން "ފަލަސްޠީނާއެކު ދިވެހީން" މި ނަމުގައި ޤައުމީ ފެންވަރުގައި ބޭއްވި ޓެލެތޯން އިން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49،800 އެމެރިކާ ޑޮލަރު ވެސް އދ މެދުވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައި ވާކަން ދާއިމީ މަންދޫބު ފާހަގަ ކުރެއްވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އދ އިން ފަލަސްތީނަށް އެހީވާ މަރުކަޒު (ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ފަލަސްޠީން ރެފިއުޖީސް) އިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ދާއިމީ މަންދޫބު ގޮވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން