ސަރުކާރުގެ ހިލޭ ޑިގްރީގައި ދަރިވަރުން ބައިވެރިކުރުމުގެ ކުރިން ޓެސްޓެއް ދީގެން އެދަރިވަރުންގެ ފެންވަރު ވަޒަންކުރަންޖެހޭ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގުރާމްގައި ބައިވެރިކުރުމުގެ ކުރިން ދަރިވަރުންނަށް "ކެރިއަރ ގައިޑެންސް" ޕްރޮގުރާމެއް ހިންގަންޖެހޭ ކަމަށެވެ.

އެގޮތުން ދަރިވަރުންނަށް ޓެސްޓެއް ދީގެން އެކުދިންގެ ފެންވަރު ބަލަންޖެހޭ ކަމަށާއި އެދަރިވަރުންނަކީ ހަގީގަތުގައި ވެސް ޑިގްރީ ހަދަން ބޭނުންވާ ކުދިންތޯ ކަށަވަރުކޮށް ޔަގީން ކުރަންޖެހޭ ކަމަށް ބޮޗޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގުރާމް ހިންގުމަށް ދައުލަތުގެ އެހެން ނިޒާމްތަައް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ދަރިވަރުންނަށް ދެވޭ ތައުލީމްގެ ފެންވަރު ރަނގަޅު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރޯލު ފުޅާކޮށް ނުފޫޒެއް ނެތި ކޮލެޖްތަކާއި ޔުނިވަރސިޓީތައް މޮނީޓަރ ކުރަންޖެހޭ ކަމަށް ރިފާޢު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޚިޔާލަކީ ހިލޭ ޑިގްރީ ޕްރޮގުރާމް ކޮންމެވެސް ވަރަކަށް ޕްރިއަރަޓައިޒް ކުރާށޭ، ކޮންމެވެސް ކަހަލަ ޓެސްޓެއް ކަހަލަ އެއްޗެއް ދީފައި އެކުއްޖާއަށް ކެރިއަރ ޓެސްޓެއް ހަދާފައި އެކުއްޖަކަށް ބޭނުންވާ ކުއްޖަކަށް ލިބޭކަހަލަ ގޮތަކަށް ހަދާށޭ، އޭރުން ވެސް ރަނގަޅުވާނެ،" މެމްބަރު ރިފާޢު ވިދާޅުވިއެވެ.

ދާދިފަހުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު ވަނީ ކުރީގެ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ 'ސްކޭމް' އެއް ކަމަށް ސިފަކުރައްވާފައެެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ ބަލަންޖެހޭ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ފުރަތަމަ ޑިގުރީ ހިލޭ ކިޔަވައިދިނުމަށް ނިންމައި ސްކީމް ތައާރަފުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ތެރެއިން މިހާރު ވެސް 10،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންދާ ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން