ސަރުކާރުގެ މާލީ ހިސާބުތައް ހާމަ ކުރުން ހުއްޓާލާފައިވާކަމަށް ބުނެ އެކަމާމެދު ކަންބޮޑުވާކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު، ވައްޑެ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މާލީ ހާލަތު ހާމަ ނުކުރާތާ 3 ހަފްތާ ވެފައިވާކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން މުޙައްމަދު ވަޙީދު އެކްސްގައި ވިދާޅުވީ، ގަވާއިދުން ލިބިލިބި ހުރި މައުލޫމާތެއް އާންމުކުރުން ހުއްޓާލުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މުޙައްމަދު ވަޙީދު މިހެން ވިދާޅުވެފައިވާއިރު ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފުސީލު ހިމަނައިގެން ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" ނުނެރޭތާ ވަނީ ތިން ހަފްތާ ވެފައެވެ. އެ މިނިސްޓްރީން އެ ރިޕޯޓް އެންމެ ފަހުން ނެރުނީ ޖޫން 20 ގައެވެ.

މުޙައްމަދު ވަޙީދު ކުރެއްވި ޕޯސްޓްގައި ވަނީ ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިމަނައިގެން އޭރުގެ ސަރުކާރުގައި ހިންގި އައިލްސް ވެބްސައިޓް ހުއްޓާލާފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅު ކުރައްވާފައެވެ.

އައިލްސް ވެބްސައިޓު ސަރުކާރުން ހުއްޓާލާފައިވަނީ އެ ވެބްސައިޓްގެ އަޕްގްރޭޑިންގ ގެ މަސައްކަތްތަކެއް ކުރުމަށްކަމަށް ބުނެއެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވެ ހަރަދު ކުޑަކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ފަށާފައިވާއިރު މާލީ ހާލަތު އެނގޭނެ ރިޕޯޓްތައް ސަރުކާރުން ހާމަ ނުކުރާކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ފާޅު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން