އިސްރާއީލް ޕާސްޕޯޓު މަނާ ކުރާކަމަށްބުނެ ސަރުކާރުން ވަނީ ރައްޔިތުންނަށް އޮޅުވާލާފައިކަމަށް ބުނެ، ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާސިރު މިއަދު ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓު ރާއްޖެއިން މަނާކުރިކަމަށް ދިވެހީންނަށާއި މުޅި ދުނިޔެއަށް ދައްކައި ކުޅުއްވި ޑްރާމާއަކީ ފަލަސްތީނު ރައްޔިތުންނަށް ނަޞްރު އެދިތިބި ދިވެހީންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެއް ކަމަށެވެ.

އަދި އޭގެ އިތުރުން އެއީ، މުޅި އިސްލާމީ އުއްމަތް ދިވެހިންނާމެދު ދެކެމުންއައި ގޮތް ކިލަނބުވެ ދިވެހި ދީބުގެ ކަރާމަތަށް އެރި ބޮޑު ހުތުރެއް ކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު މިހެން ވިދާޅުވެފައިވާއިރު އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ގާނޫނަށް ބަދަލުގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ނަމަވެސް، އެކަމުގެ މަސައްކަތްތައް މަޖިލީހުގެ ތެރެއިން އެކަށީގެންވާ ހަލުވި ގޮތެއްގައި ކުރިއަށް ނުދާކަން އިދިކޮޅުން ފާހަގަ ކުރާއިރު އެކަމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ މަޖިލިސް މެންބަރަކު މިފަދަ ވާހަކައެއް ދައްކަވާފައިވާއިރު އެމްޑީޕީގެ ސަރުކާރުގައި އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން އެއްވެސް މަސައްކަތެއް ނުކޮށް މިއަދު އެވާހަކަ ދައްކައިގެން އެކަމާ މާ ކަންބޮޑުވާކަން އެމްޑީޕީގެ މެންބަރުން ދެއްކެވުމަކީ މިކަމުގައި އެމީހުން ގެންގުޅޭ ނިޔަތާއިމެދު ސުވާލު އުފެދޭ ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން