ނިމިދިޔަ ސަރުކާރުން، ރަށްތަކެއްގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތައް ލަސްކުރުމުން ގެއްލުނު ކުވެއިތުގެ ހިލޭ އެހީ ފަންޑުގެ ބައެއް ރިކަވަރ ކުރެވިއްޖެ ކަމަށް ހެލްތް މިނިސްޓަރު ޑރ. ޢަބުދު ﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހައުސްގަައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއަށް ގެއްލުނު ކުވެއިތު ފަންޑު ރިކަވަރ ކުރުމަށް ކުވެއިތާއި އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު އިސްވެ ހުންނަވައިގެން ކުވެއިތާއި އެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ފަންޑުގެ ކޮންމެވެސް މިންވަރެއް މިހާރު ރިކަވަރ ކުރެވިފައިވާ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުވެއިތު ފަންޑާއެކު އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާގެ މަތިން އަޅުގަނޑުމެން ޚާއްސަގޮތެއްގައި ފިނޭންސް މިނިސްޓަރަށް މިރޭ އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުން. އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ ކޮންމެވެސް ވަރަކަށް އެއިގެން ފަންޑު އަޅުގަނޑުމެންނަށް ރިކަވަރ ކުރެވިއްޖެ، އަޅުގަނޑުމެން މާޔޫސް އެއް ނުވޭ، އަޅުގަނޑުމެންނަށް ފެނޭ އުޖާލާކަން. ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކުރެވޭތަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރު ޚަލީލް ވިދާޅުވީ ހުއްޓިފައިވާ ސިއްހީ ދާއިރާގެ ހުރިހާ ޕްރޮޖެކްޓްތައް މިހާރު ފަށާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓްތައް މިދައުރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ ކުރީގެ ސަރުކާރަށް ޕްރޮޖެކްޓްތައް ނުހިންގުނީ ދައުލަތުގައި ހަކަތަ ނެތް މިންވަރަށް މަސައްކަތް ކުރަން އުޅުމުން ކަމަށެވެ. ކުރީގެ ސަރުކާރުން ޕްރޮޖެކްޓްތަކުގެ މަސައްކަތް ފަށާފައިވަނީ އިންތިހާބުތަކާއި ދިމާކޮށް ރައްޔިތުންގެ ބޮލުގައި ތެތްގޯނި އަޅުވާ އުސޫލުން ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބާ ދިމާކޮށް ހަތް ޕްރޮޖެކްޓެއް މި ހަވާލުކުރަނީ ބަޖެޓުން ކުރިއަށް ގެންދިޔުމަށްޓަކައި ހަމައެކަނި މި ހަތް ޕްރޮޖެކްޓަށް އެކަނި ގާތްގަނޑަކަށް 1.4 ބިލިއަން ހަމައެކަނި 7 ޕްރޮޖެކްޓަށް ދައުލަތުން، އެހެންވީމާ ޖުމުލަ ކޮމިޓްމަންޓް މިދެންނެވީ ސޮއިކޮށްފައި ހުރި އަދަދު މަސައްކަތް ނުފަށާ ހުރި ޕްރޮޖެކްޓްތަކާއި މަސައްކަތް ފަށާފައި ހުރި ޕްރޮޖެކްޓްތަކާއި އެއްކޮށް ކޮމިޓްމަންޓް ދީފައި ހުރި އަދަދަކީ 2.2 ބިލިއަން. 2024 ގައި އަޅުގަނޑުމެންނަށް މި ލިބެނީ 280 މިލިއަން. އެހެންވީމަ ސަރުކާރެއް ހިންގާފައި އޮތް ގޮތް ހަމައެކަނި ހެލްތު ސެކްޓާ އަށް ބަލާލީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ،" ޚަލީލް ވިދާޅުވިއެވެ.

ޚަލީލް މިހެން ވިދާޅުވެފައިވާއިރު ނިމިދިޔަ ސަރުކާރުން، ރަށްތަކެއްގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކަކަށް ކުވެއިތު ފަންޑުގެ ހިލޭ އެހީ ހަަމަޖެހިފައިވަނިކޮށް، އެ މަޝްރޫއުތަކުގެ މަސައްކަތް ލަސްކުރުމުން، ފަހުވަގުތު އެ ހިލޭ އެހީ ނުދޭން ކުވެއިތު ފަންޑުން ނިންމައިފައި އޮތް ކަން ހާމަވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން