މަރްޔަމް ނަހްދާ ވަޙީދު   15 ޖުލައި 2024 - 3:12
އަލްމަންޑަކީ ސިއްހަތަށް ފައިދާހުރި ހިކި މޭވާއެއް.
އަލްމަންޑަކީ ސިއްހަތަށް ފައިދާހުރި ހިކި މޭވާއެއް.
ހިކި މޭވާ ނުވަތަ ނަޓްސް އަކީ އަޅުގަނޑުމެންގެ ޑައިޓުގައި ކޮންމެހެންވެސް އެކުލަވަންޖެހޭ އެއްޗެކެވެ. ކެއުމުގައި އަލްމަންޑު ފަދަ ހިކި މޭވާގެ ބާވަތްތައް ބޭނުން ކުރުމަކީ މީހާ ޖުމުލަ ގޮތެއްގައި ދުޅަކެޔޮކޮށް ހުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ.

އާދުވަހަކަށް އިރުއެރުމަށްފަހު ދުވަސް ފަށާއިރު، ހައި ބަނޑާ ހުރެ ފޯކޮށްފައި ހުންނަ އަލްމަންޑު ކެއުމަކީ ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބުމަށް އެހީވެދޭ ކަމެކެވެ.

އަލްމަންޑަކީ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަލްމަންޑަކީ އެންޒައިމް އިންހިބިޓަރުތައް އެކުލެވިގެންވާ ނަޓެކެވެ. ރޭގަނޑު ނިދާއިރު އަލްމަންޑް ފޯ ކުރަން ބެހެއްޓުމުން އޭގައި ހުންނަ އެންޒައިމް އިންހިބިޓަރުތައް ނައްތާލައެވެ. މި އިންހިބިޓަރުތައް ނައްތާލުމުން ހަޖަމު ކުރުމަށް ފަސޭހަވެއެވެ. އަދި ހަށިގަނޑަށް ނިއުޓްރިއެންޓުތައް ނެގުމަށްވެސް ފަސޭހަވެގެން ދެއެވެ.

އަލްމަންޑަކީ އަޅުގަނޑުމެންގެ ވިސްނުން ތޫނުފިލި ކުރުމަށް އެހީވެދޭ އެއްޗެކެވެ. އަލްމަންޑަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އީ އާއި އޮމެގާ-3 ފެޓީ އެސިޑުތައް ހިމެނޭ އެއްޗެކެވެ. މި މާއްދާތަކުގެ ސަބަބުން ސިކުނޑީގެ ކޮގްނިޓިވް މަސައްކަތްތައް އިތުރަށް ފުރިހަމަ ކޮށްދީ، މީހާގެ ހަނދާން ވަރުގަދަ ކޮށްދީ، އަދި ވިސްނުން ތޫނުފިލި ކުރުމުގައިވެސް އެހީވެދެއެވެ.

އަލްމަންޑަކީ މީހާގެ ގައިގައި ހަކަތަ އިތުރު ކޮށްދޭ ހިކި މޭވާއެކެވެ. އަލްމަންޑަކީ ގިނަ އަދަދަކަށް ޕްރޮޓީންއާއި، ސިއްހަތަށް ފައިދާހުރި ފެޓުތަކާއި، ފައިބަރު އެކުލެވިގެންވާ ހިކި މޭވާއެއް ކަމުން އަލްމަންޑު ކެއުމުން މުޅި ދުވަހު މީހާ ވަރުބަލިވާ ވަރު ކުޑަކޮށްދެއެވެ.

އަލްމަންޑަކީ އަޅުގަނޑުމެންގެ ހަންގަނޑު ރީތިކޮށްދޭ ބާވަތެއްވެސްމެއެވެ. އަލްމަންޑަކީ ވަރަށް ގިނަ އެންޓި އޮކްސިޑެންޓުތަކެއް އެކުލެވިގެންވާ ހިކި ކާނާއެކެެވެ. މި އެންޓި އޮކްސިޑެންޓުތަކުގެ ސަބަބުން މީހާ އޮކްސިޑޭޓިވް ސްޓްރެސްއާ ދުރުކޮށްދެއެވެ. އަދި އޭގެ ސަބަބުން މީހާގެ ހަންގަނޑު ރީތިވެ، އޮމާންވެ އަދި އަލި ކަމަށްވެސް ދައްކައެވެ.

ހެނދުނު ހައިބަނޑާ ހުރެ އަލްމަންޑު ކެއުމަކީ ލޭގައި ކޮލެސްޓްރޮލް ލެވެލް އެއްް ހަމައެއްގައި ބަހައްޓައިދިނުމަށް އެހީވެދޭކަމެކެވެ. ކޮންމެ ދުވަހަކު ފޯ ކޮށްފައި ހުންނަ އަލްމަންޑު ކާނަމަ އެލްޑީއެލް (ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޮލް) ލެެވެލް ދަތްކޮށްދެއެވެ. އޭގެ ސަބަބުން ހާޓް އެޓޭކް ޖެހުމުން މީހާ ދުރުކޮށްދެއެވެ.

މި ހިކި މޭވާ އަކީ އެކި ގޮތްގޮތައް އަޅުގަނޑުމެންގެ ކެއުމުގައި ހިމަނާލެވޭނެ މޭވާއެކެވެ. އެގޮތުން ސްނެކެއްގެ ގޮތުގައާއި، ކެއުމުގައި ރަހަ މީރު ކުރުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައިވެސް އަލްމަންޑު ބޭނުން ކުރެވިދާނެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް އަލްމަންޑު ކެއުމަށް އާދަ ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން