ފެނަކައިން އާންމުންނަށް ދޭން ޖެހޭ 300 މިލިއަން ރުފިޔާ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ފާއިތުވީ ހަތް މަަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކޮށްފައިވާ ކަމަށް ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ފެނައިއިން ރާއްޖޭގެ ސަޕްލަޔަރުންނާއި އެހެނިހެން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާގެ މައްސަލަ މިިދިޔަ ސަރުކާރުގައި އޮތީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލައިގައި ސަޕްލަޔަރުން އޭރު އިހުތިޖާޖުވެސް ކުރި އެވެ.

ރޭ ވެރިކަން ކުރާ ޕީއެންސީން ބޭއްވި ޖަލްސާގައި މުއާޒް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ނިމިގެން ދިޔަ ސަރުކާރުގެ ވެރިކަން ނިމި ދިޔައީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ އަދި ސަޕްލަޔަރުންނަށް ވެސް ފައިސާ ނުދީ ކަމަށެވެ.

އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އެގޮތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 1.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެމްޑީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަހަނާ ދައްކަނީއެއް ނޫން. ކުރީގެ ވާހަކަތަކާ އެކީ ހައްލުކުރަން އަޅުގަނޑުމެން ކުރާ މަސައްކަތް މި ކުރަނީ. އެ މަސައްކަތުން ދިވެހި ރައްޔިތުންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ހަތް މަސް ތެރޭގައި 300 މިލިއަން ރުފިޔާ އަޅުގަނޑުމެން ދައްކާ ހަލާސްކޮށްފިން." މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ 300 މިލިއަން ރުފިޔާ ދައްކާ ހަލާސްކުރީ މިހާރު ކުރަމުންދާ މަސައްކަތްތަކަށް ވެސް ފައިސާ ދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ހަލާސްކުރި 300 މިލިއަނުގެ ތެރެއިން 278 ވެންޑަރުންނަށް އެއްކޮށް ފައިސާ ދޫކޮށް ނިންމާފައިވާ ކަމަށެވެ. އަދި ހަލާސްކުރި ފައިސާގެ ބޮޑު ބަޔަކީ އާންމު ރައްޔިތުން ލައްވާ ކުރުވާފައި ހުރި ކުދިކުދި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން