ރާއްޖެއިން ބޭރުގައި ކައިވެނި ކުރުމަށްފަހު ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ ކައިވެނިތަކުން ލިބޭ ކުދިން ބައްޕަ ނެތް ކުދިންގެ ގޮތުގައި އޮންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި އެ ކަންބޮޑުވުންތައް ފާޅުކުރެއްވީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މަސައްކަތް ކުރުމުގެ ޒިންމާތައް މަތިކުރެވިފައިވާ ޗިލްޑްރެންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު އެވެ.

އެ ބައްދަލުވުމުގައި ނިއުމަތު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކުރާ ކައިވެންޏެއް މާލެ އައިސް ރަޖިސްޓްރީ ނުކުރެވި އުޅެނިކޮށް ކުއްޖަކު ލިބޭ ފަހަރު އަންނަ ކަމަށެވެ.

އަދި އެފަދަ ހާލަތުގައި ކުއްޖާގެ ބައްޕަގެ ނަން އުފަންދުވަހުގެ ސެޓްފިކެޓަށް ނާރާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިކަހަލަ އެބަހުރި އަޅުގަނޑުމެން ވަރަށް ކުދިކުދި ކަންތައްތައް ކޮށްލައިގެން ހަމަ އަޅުގަނޑުމެންނަށް ރަނގަޅުކޮށްލެވިދާނެ ކަންތައްތައް. އެހެން ނަމަވެސް ގާނޫނު ބަދަލުނުކުރެވޭތީވެ ބަދަލު ނުކުރެވިފައި. އެއީ އިސްލާމީ ތަނެއްގައި ކައިވެނި ކުރި ނަމަވެސް އެ ކުއްޖަކު މާލެ އައިސް ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ތެރޭގައި ވެސް ކުއްޖަކު ވިހައިފިކަމުގައިވާނަމަ ވެސް އެ ކުއްޖާއަކީ ބައްޕަ ނެތް ކުއްޖެއްގެ ގޮތުގައި ފާހަގަވެގެން މިދަނީ." އޭނާ ވިދާޅުވި އެވެ.

ނިއުމަތު "ރަސް"އަށް ވިދާޅުވީ އެފަދަ މައްސަލަތައް މިފަހުން ފެންމަތިވާން ފަށައިފައިވާއިރު މި އަހަރު ވެސް އޭގެ ދެ މައްސަލަ ފާހަގަ ކުރެވިފައި ވާކަމަށެވެ.

އެހެންވެ އެކަމަށް ހައްލެއް ހޯދުމަށް ލީގަލް ޓީމާއެކު ވާހަަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކި ސަބަބުތަކާ ހުރެ ރާއްޖެއިން ބޭރަށް ގޮސް ދިވެހީން ކައިވެނި ކުރެއެވެ. އޭގެ ތެރޭގައި އާއިލާއިން ކައިވެންޏަށް ނުގަބޫލުވުން ހިމެނެ އެވެ. ރާއްޖެއިން ބޭރުގައި ކައިވެނި ކުރި ނަމަވެސް އެ ކައިވެނިތައް ރާއްޖޭގައި ފަހުން ރަޖިސްޓްރީކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން